މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކުރި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ނިމިދިޔަ ޖުލައި މަހު ހިނގި މި ހާދިސާގައި އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގިކަމުގެ ޒަހަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންވަނީ މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ މެހުރާ، އަލީ ސާމީ އާދި ގދ. ގައްދޫ ހުދުވެލި، އަހުމަދު ސާއިފް ވަހީދާއި ތ. ތިމަރަފުށީ އުތުރުގެއާގޭ، މުހައްމަދު ނަހުޝާން ހުސެއިނާއި ކ. މާފުށީ ފުލްމޫން، މުހައްމަދު ނަފާހް އަދި ލ. ގަން ތުނޑީ އަވަށު ލިންކް، އަހުމަދު ޒަޔާނެވެ.

އެމީހުންގެ ތެރޭގައި ހިމެނޭ ނަފާހް އަދި ޒަޔާން އަކީ އެމްއެންޑީއެފްގެ ދެ މީހުންކަމަށް ފުލުހުން ބުންޏެވެ. ދެން ތިބި މީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް މީހުންނެވެ. ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު ނަފާހު ބަންދުކޮށްފައިވަނީ މައްސަލާގެ ތަހުގީގު ނިމެންދެންކަމަށް ފުލުހުން ހާމަކުރި އެވެ.

މައްސަލާގައި ހިމެނޭ ދެ ސިފައިންނަށް އަޅަންޖެހޭ ފިޔަވަޅު އެމްއެންޑީއެފުން އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

މިކަމުގައި 18 އަހަރު ނުފުރޭ ތިން ކުއްޖަކުވެސް ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން އަނިޔާ ލިބުނު މީހާ ރަހީނުކޮށް އަނިޔާކުރީ މީހުންގެ ނަމުގައި ކުއްޔަށް ނަގާފައިވާ ދެ އެޕާޓްމެންޓެއްގަ ކަމަށާއި އެ މައްސަލާގެ ތުހުމަތު ކުރެވޭ މީހުންނަކީ އަނިޔާ ލިބުނު މީހާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.