ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ އަވަސްކުރަން ޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ޕީޖީ އައްބާސް ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ޕީޖީ ފާހަގަކުރެއްވި އެވެ. އެގޮތުން ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި ފަސް މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އަދި މިއަހަރުގެ މިހާތަނަށް 11 މައްސަލައެއް އޭސީސީން މި އޮފީހުގެ މަޝްވަރާއަށް (ޑިއުޓީ ޕްރޮސިކިއުޝަނަށް) ހުށަހަޅާފައިވެ އެވެ.

ޕީޖީ އައްބާސް ޝަރީފު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ ވެރިންނާ ގެންދަވަނީ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާ ބައްދަލުކުރައްވާފައިވެ އެވެ. އަދި ބުރާސްފަތި ދުވަހު ދައުލަތުގެ ބަންޑާރަނާއިބާ ބައްދަލުކުރައްވާފައިވެ އެވެ.