މަމްސް އެއިޑްގެ މި އަހަރުގެ ހިޔާވަހި ޕްރޮޖެކްޓްގެ ދަށުން އާމިނަތު އަލީ އަދި އޭނާގެ ދަރިން ދިރިއުޅޭ ގެ މަރާމާތުކުރުމުގެ ޕްރޮޖެކްޓް ނިންމައި އެ ގެ ހަވާލުކޮށްފި އެވެ.
މަމްސް އެއިޑްގެ ފަރާތުން އާމިނަތުގެ އާއިލާއަށް ގެ ހަވާލުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. އަސަރުން ފުރިފައިވާ މި ވީޑިއޯގައި އާމިނަތުގެ އާއިލާއަށް ގެ ދައްކާލާތަން ދައްކަ އެވެ. އަދި ގެ ފެނުމުން އާމިނަތު ޝުކުރުގެ ސަޖިދައަކަށް ތިރިވާތަން ދައްކާލަ އެވެ.
އދ. މާމިގިލީގައި ދިރިއުޅޭ އާމިނަތު އަކީ 13 އަހަރު ވަންދެން ގެވެށި އަނިޔާ ލިބުނު ކައިވެންޏެއް ތަހައްމަލު ކުރި މީހެކެވެ. މާތް ﷲގެ ރަހްމަތްފުޅާއެކު އޭނާ ވަނީ މިހާރު އެ ކައިވެނިިން ސަލާމަތްވެފަ އެވެ. އެކަނިވެރި މައެއްގެ ގޮތުގައި ތިން ކުދިންނާއެކު އާމިނަތު ދިރިއުޅެމުން ދިޔައީ ވަރަށް ނިކަމެތި ހާލުގަ އެވެ. ރާއްޖޭގައި މިފަދަ ދަތި ހާލެއްގައި އަންހެނަކާއި ކުޑަކުދިންތަކެއް ދިރިއުޅެފާނެކަން ހީވެސް ނުކުރާނެ ފަދަ ދަށް ފެންވަރުގަ އެވެ.
މިއަހަރު މަމްސް އެއިޑް ޖަމިއްޔާއިން ވަނީ މި އާއިލާގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްދޭން ފަންޑް ރެއިސް ޕްރޮޖެކްޓެއް ފަށާ މިކަން ކާމިޔާބުކޮށްފަ އެވެ.
"ބުނެދޭން ވެސް ނޭނގޭ އިހުސާސްތަކެއް ވީ. މި މަންޒަރު ރީތިކަމުން އުފަލުން، ކުދިންގެ މޫނު މަތިން ވެސް ފެނުނު އުފާވެރިކަމުން ހަމަ ވަރަށް ބޮޑަށް އުފާވި،" މަމްސް އެއިޑް އިން ހާމަކޮށްފައިވާ ވީޑިއޯގައި އާމިނަތު ކިޔައިދިނެވެ.
އޭނާ މިހާރު ހުރީ ދަރިންނާއިއެކު ހިތްހަމަ ޖެހި އުފާވެރިކަމާއެކު އުޅެވޭނެކަމުގެ އުއްމީދު އާވެފަ އެވެ.
"އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން އަޅުގަނޑުގެ ފަރާތުން އަޅުގަނޑުގެ ކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން. އެ ކުދިންނަށް އިތުބާރު ދޭން ބޭނުން. އަޅުގަނޑު މިހުރީ އަބަދުވެސް އަޅުގަނޑުގެ ކުދިންނާ އެކުގައި. އެ ކުދިން ބިކަވެ ނިކަމެތިވާކަށް ފުރުސަތެއް ނުދޭނަން. މިއީ ކުރިއަށް ދާން އެ ކުދިންނަށް ލިބުނު ފުރުސަތެއް،" އާމިނަތު ބުންޏެވެ.
މަމްސްގެ ހިޔާވަހި ކެމްޕޭނަކީ ކޮންމެ އަހަރަކު ވެސް މި ފަދަ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިންގާ ޕްރޮގްރާމެކެވެ. މީގެ ކުރިން ވެސް މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ.
މަމްސް އެއިޑްއިން މި ޕްރޮޖޮކްޓު ހަވާލުކުރުމުގެ ފުރިހަމަ ވީޑިއޯ މި ލިންކުން ބަލާލެވޭނެ އެވެ.