އަންހެނުންގެ މެދުގައި އެންމެ އާއްމު އެއް ކެންސަރުގެ ބާވަތް ކަމަށްވާ އޯވަރީގެ ކެންސަރަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ކުރަމުން އެބަދެ އެވެ.
ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ސައިންސްވެރިން މަސައްކަތް ކުރަމުން އަންނަ "އޯވޭރިއަންވެކްސް" ވެކްސިންއަކީ އޯވަރީއަށް ޖެހޭ ކެންސަރު އޭގެ އެންމެ ކުރީކޮޅުގައި ދެނެގަނެ ހަށިގަނޑުން ބަލި ނައްތާލަދޭ ވެކްސިން އެކެވެ.
މި ޕްރޮޖެކްޓްގައި އިސްކޮށް އުޅުއްވާ ޕްރޮފެސަރެއް ކަމަށްވާ އަހްމަދު އަހްމަދު ވިދާޅުވީ ވެކްސިންގެ އެންމެ ފުރަތަމަ ފޭސް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ޓެސްޓް ޓްރެއަލްތައް ފަށާނެ ކަމަށެވެ.
އެގޮތުން މި ވެކްސިންއަކީ މިހާރުވެސް ސާވިކަލް ކެންސަރަށް ބޭނުން ކުރެވެމުން އަންނަ ހިއުމަން ޕެޕިލޯމާވައިރަސް (ހެޗްޕީވީ) ވެކްސިންއެކޭ އެއްފަދައިން މަސައްކަތް ކުރާނެ ވެކްސިން އެއް ކަމަށްވެ އެވެ.
މި ވެކްސިންއާއެކު އޯވަރީގެ ކެންސަރުގައި މަރުވާ މީހުންގެ އަދަދުވެސް ބޮޑު ތަނުން ދަށްވާނެ ކަމަށާއި ސަބަބަކީ ކުރިއާ ހިލާފަށް ބަލީގެ ކުރީކޮޅުގައި ދެނެގަނެވުން ކަމަށް އެ ޓީމުން ބުނެ އެވެ.
މިއީ ސިއްހީ ދާއިރާއަށް ލިބޭ ބޮޑު އިންގިލާބެއްކަން ފާހަގަ ކުރަމުން އަހްމަދު ވަނީ މި ވެކްސިންއާއެކު މުޅި ދުނިޔެއިން އޯވަރީގެ ކެންސަރު ނައްތާލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.
މި ޕްރޮޖެކްޓަކީ އިނގިރޭސި ވިލާތުގެ ކެންސާ ރިސާޗު ފަންޑުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 600،000 ޔޫރޯ ހަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.