އިންޑިއާ ރައްޔިތުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަލާމާތްކުރަމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ ހަނީމޫން ޕީރިއަޑްގައި އިންޑިއާއާ ދެކޮޅަށް ވަރަށް ޖޯޝާއި ފޯރީގައި ވާހަކަދެއްކި ކަމަށެވެ. އަދި އިދިކޮޅުގައި ތިބިއިރުވެސް އިންޑިއާ އާ ދިމާލަށް ވަރަށް ގިނަ އެއްޗިހި ކިޔައިހެދި ކަމަށާއި އެކަމަކު މިއަދު ފެންނަމުން ދަނީ "އެއްލި ތީރު" އަމިއްލަ ގަޔަށް ހެރޭ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އަމަލުތަކުގެ ސަބަބުން އިންޑިއާ ރައްޔިތުން އެމަނިކުފާނަށް މިއަދު މަލާމާތް ކުރަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅުގައި ތިބިއިރު އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ ކަމުގައިވާ ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދުމަށް އިންޑިއާއާ އެކު އެއްވެސް މަޝްވަރާއެއްކުރަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޗާގޯސް މައްސަލައިގައި ކީހާ ޅެން ފަރިއްސައްވެއްޖެ. ރައީސް ސޯލިހު ފޮނުއްވި ސިޓީ މުއިއްޒަށް ފެންނާނެ. އެ ސިޓީގައި އޮތީ ގޯސް ވާހަކަ ކަމަށް ބުނެވޭނެ. ނަމަވެސް އެކަމާއި ގުޅިގެން މިހާރު ދައްކަނީ މުނާފިގު ވާހަކަ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުންތަކަކީ ރާއްޖެ ވިއްކާލުމާ ގުޅޭ އެއްބަސްވުންތަކެއް ކަމަށް މީގެކުރިން މި ސަރުކާރުގެ އިސްވެރިން ބުނެފައިވާއިރު، މިއަދު ފެނުނީ އެ އެއްބަސްވުންތައް އާކުރި މަންޒަރު ކަމަށެވެ.