ވޮޝިންޓަން (10 މާޗް) - އެމެރިކާއިން ދެމުން އަންނަ ޑްރޯން ހަމަލާތައް ހުއްޓުވާލަން އެމެރިކާގެ ރައީސް ޖޯބައިޑެން އަންގަވައިފި އެވެ.

މީގެ ކުރިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިލިޓަރީއަށް ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ ހުއްދަދެއްވާފަ އެވެ. މިކަން ބަދަލުކުރައްވާފައި ވަނީ މިހާރުގެ ރައީސް ބައިޑެން އެވެ.

އަފްޣާނިސްތާން، ސީރިއާ އަދި އިރާގް ފަދަ ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕުތަކަށް ހަމަލައެއް ދޭނަމަ ވައިޓް ހައުސްއިން ހުއްދަ ހޯދަން ޖެހޭނެ ކަމުގައި ޕެންޓަގަންގެ ސްޕޯކްސްޕާސަން ޖޯން ކާބީ މިދިޔަ ހޯމަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

"މިއީ ހުރިހާ ހަމަލާއެއް ދާއިމީކޮށް ހުއްޓުވުމެއް ނޫން،" ނޫސް ކޮންފަރެންސެއްގައި ކާބީ ވިދާޅުވި އެވެ. "އަހަރެމެންނަށް ހުރި ނުރައްކާތައް ނައްތާލުމަށް އަދިވެސް މައްސައްކަތް ކުރާނަން، ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅިގެން މިފަދަ ނުރައްކާތައް ހުއްޓުވުމައް އަދިވެސް ތައްޔާރައް މި ތިބީ."

"ދަ ނިއުޔޯކް ޓައިމްސް" އިން ބުނިގޮތުގައި ބައިޑެން ވަނީ ޖެނުއަރީ 20 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިލިޓަރީއަށް އާ "ގައިޑްލައިން"ތަކެއް ފޮނުވައިފަ އެވެ. ނަމަވެސް މިކަމުގެ ހަބަރު އާންމުކޮށްފައި ވަނީ މީގެ ދުވަސް ކޮޅެއް ކުރިންނެވެ.

މީގެ ހަތަރު އަހަރުކުރިން، 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ އޭގެ ކުރިން ބަރަކް އޮބާމާ ކަނޑައެޅުއްވި މިލިޓަރީ ކޮންޓްރޯލުތައް އުވާލައްވާފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެގޮތައް ކަންތައް ކުރެއްވީ މިލިޓަރީ ކޮމާންޑަރުންނަށް އޭނާ އިތުބާރު ކުރައްވާތީ އެވެ.

އޭގެ ފަހުން ހަނގުރާމަވެރި ގުރޫޕުތަކަށް ކުރި ހަމަލާތައް އިތުރުވެގެންދިޔަ އެވެ.

މިލިޓަރީއިން ދިން ހަމަލާ ތަކަކީ "ސާޖިކަލް" ހަމަލާތަކެއް (ހަމައެކަނި އިދިކޮޅު މިލިޓަރީ ގުރޫޕުތަކަށް ދިން ހަމަލާތަކެއް) ކަމުގައި ވިދާޅުވެފައި ވިޔަސް އެންޖީއޯތަކުން ބުނާގޮތުގައި މި ހަމަލާތަކުން ގިނަ އަދަދެއްގެ އާންމުންނަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

ސޯމާލިއާގައި އެމެރިކާއިން ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަނާ ގުޅޭގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ޝާއިއުކުރި ރިޕޯޓުގައި ޕެންޓެގަންގެ އެކްޓިން އިންސްޕެކްޓާ ޖެނެރަލް، ގްލެން ފައިން ވިދާޅުވިގޮތުގައި އެފްރިކޮމްގެ މިޝަނުގެ ބޭނުމަކަށް ވީ 2021 ވަނަ އަހަރުގެ ކުރިން ސޯމާލިއާގައި އޮތް އިސްމާލިކް ސްޓޭޓްގެ ޖަމާއަތެއް ކަމަށްވާ ޝެބާބް އާއި އެހެން ޓެރަރިސްޓް ގްރޫޕްތަކުގެ ބާރު ކަނޑުވާލުމަށެވެ.