ނަވާރަ ސަތޭކަ ފަންސާސް ތިން ވަނަ އަހަރު އޮގަސްޓް މަހުގެ އެންމެފަހު ހަފުތާގެ ދުވަހެއްގައި ރައީސުލްޖުމުހޫރިއްޔާގެ ސްރީލަންކާގެ ކޮޅުނބުގައި ހުންނެވުމަށްފަހު އާރުއޭއެފްގެ ކަނޑަށް ޖައްސާ ބޯޓެއްގައި މާލެ ކުރެއްވި ތާރީޚީ ދަތުރުފުޅަކީ އެމަނިކުފާނު ކުރެއްވި އެފަދަ ފަހު ދަތުރުފުޅެވެ. މާލޭގައި މައްސަލަތަކެއް ޖެހިގެން އުޅޭކަން އެނގިވަޑައިގަންނަވަ އެވެ. އެ ޖެހިހެން އުޅެނީ ކޮން މައްސަލައެއްކަން ވެސް އެމަނިކުފާނަށް ވިސްނިވަޑައިގަންނަވަ އެވެ. އެނގިވަޑައިނުގެންނެވީ މައްސަލައިގެ ބޮޑުކަމާއި އޭގެ މޫތައް ފެތުރިފައިހުރި ވަރެކެވެ.

ރައީސް އަމީން، މާލެ ވަޑައިގެންނެވި ބޯޓު، ކަނޑަށް ޖެއްސުމާއެކު އެމަނިކުފާނުގެ އިސްތިގުބާލުގައި އޮތް ދޯނިކޮޅަށް އަރާވަޑައިގެންނެވި އެވެ. އެ ދޯނިކޮޅުގައި ތިއްބެވީ ދައުލަތުގެ އިސްވެރިންނެވެ. ފަލި ޖަހައިފައި ދިޔަ ދޯނި މާލެ ދިޔުމުގެ ބަދަލުގައި ދޫނިދުއާ ދިމާޔަށް މިސްރާބު ޖެހުމުން، ވެގެންއުޅޭ ގޮތަކާ މެދު އަމީން ސުވާލު ކުރެއްވި އެވެ.

ދައުލަތުގެ އޮފިޝަލުންގެ ވާހަކަފުޅަކީ އެމަނިކުފާނަށް މާލެ ވަޑައިނުގެންނެވޭނެ ކަމަށެވެ. ރައްޔިތުން ތިބީ މާބޮޑަށް ރުޅި އައިސްފައި ކަމަށާއި އެހާލަތުގައި މާލެ ވަޑައިގެންނެވުން ރަނގަޅު ނުވާނެ ކަމަށެވެ. ރައީސް އަމީންގެ ޖަވާބަކީ މައްސަލައަކީ ދުންފަތް މަނާކުރުން ނޫން ހެއްޔެވެ؟ މާލެ ގޮސް ރައްޔިތުންނާ ބައްދަލުކުރެވޭ ގޮތްވުމުން އެކަން ހަމަޖައްސާލެވިދާނެ ކަމަށެވެ.

މާލޭގައި ކަންތައް ވެގެން އުޅޭގޮތުގެ އެއްވެސް މައުލޫމާތެއް އޭރު ރައީސް އަމީނަކަށް ލިބިވަޑައިގެންފައެއް ނުވެ އެވެ. ހަގީގަތުގައި އޭރު މާލޭގައި އޮތީ އެމަނިކުފާނުގެ ސަރުކާރެއް ނޫނެވެ. އެމަނިކުފާނު ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މަގާމުން ދުރުކުރެވިފައި ހުންނެވިކަން އެނގިވަޑައިނުގެން ހުންނަވައި މާލޭގައި ދިމާވެގެން އުޅޭ މައްސަލައާ މެދު ވާހަކަ ދައްކަވަމުން، ޖެހިގެން އުޅޭ މައްސަލައަކީ ދުންފަތް މަނާކުރުން ނޫންހޭ، ވިދާޅުވުމުން ދުންފަތް މަނާކުރުމުގެ ސަބަބުން ރައްޔިތުން އައިސްފައިވާ ރުޅި ރައީސް އަމީނަށް އިހުސާސްވެފައިވާކަން ދޭހަވެ އެވެ.

ރައީސް އަމީން ވެރިކަމުން ދުރުކޮށް، ސަރުކާރު އިންގިލާބުކޮށްލުމަށް އޭރުގެ ދައުލަތުގެ އިސްވެރިން ވަނީ ދުންފަތް މަނާކުރުމުގެ ގާނޫނުގެ ބޭނުން ހިފައިފަ އެވެ. ރައީސް އަމީން މަގާމުން ދުރުކޮށްލުމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ބޭއްވި އެއްވުންތަކުގައި ވެސް އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކަށްވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި ދަތި އުނދަގުލުގެ ވާހަކަ އެވެ.

މާފަންނުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި މަރުހޫމް އިބްރާހިމް ޝިހާބު ވިދާޅުވިކަމަށްވެ އެވެ. މިހާރަކަށް އައިސް މާފަންނުގެ ރައްޔިތުންނަކީ ވަގުންނަށް ވެއްޖެ އެވެ. އެއީ އެއްގޮތަކަށް ވެސް އެކަން ވެގެންވާނެ ގޮތެއް ނޫނެވެ. މާފަންނުގެ ރައްޔިތުންނަކީ ވަގުންނަށް ހެދޭނެ ގޮތެއް ވެގެން ނުވާނެ އެވެ. ޝިހާބުގެ އެ ވާހަކަފުޅު އަމާޒުކުރެއްވީ މާފަންނުގެ ބައެއް ހަރުކުލައިގެ މީސްމީހުން ގަވާއިދާ ޚިލާފަށް ދުންފަތުގެ ބޭނުންކުރަމުން ގެންދާކަން ރައީސް އަމީނަށް އެނގިވަޑައިގެން އެވާހަކަފުޅު އެމޭރުމުން ދައްކަވާފައިވާތީ އެވެ.

އޭރުގެ ހާލަތު ހުރިގޮތުން އާންމުންނަކަށް ދުންފަތާއި ސިއްހަތާ ހުރި ގުޅުމެއް ނޭނގެ އެވެ. އެހެން ނަމަވެސް ދައުލަތުގެ އިސް ބޭފުޅުންނަށް އެކަން އެނގެ އެވެ. ރައީސް އަމީން ދޫނިދޫގައި ބަންދުކޮށްފައި ހުންނެވިއިރު އެތަނުގައި ތިބޭ ބައެއް މީހުން އަމީންގެ ކުރިފުޅުމަތީގައި ރަށު ބިޑި ބޮއި އުޅުނެވެ. އެކަމާމެދު ދެކެވުނު ވާހަކަފުޅެއްގައި އަމީން ވިދާޅުވި ކަމަށް ވަނީ އެމަނިކުފާނު ވެސް ކޮންމެވެސް މިންވަރަކަށް ދުންފަތުގެ އިސްތިއުމާލު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސިއްހަތަށް އެއިން ކުރާ ނޭދެވޭ އަސަރާ ހެދި ހުއްޓަވާލެއްވީ ކަމަށެވެ.

ރައީސް އަމީންގެ ވެރިކަމުގައި ފާސްކުރި ދުންފަތް މަނާކުރުމުގެ ބިލު

އަމީން ވިދާޅުވި ގޮތުގައި ދުންފަތް މަނާކުރެއްވީ އެމަނިކުފާނެއް ނޫނެވެ. އެކަން ކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުންނެވެ. އެހެންކަމުން އެކަމުގެ ޒިންމާ އެމަނިކުފާނު ގިނިކަންޏާ ނަންގަވާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އޭރަކު ހުންނަވާ ރައީސަކު ބޭނުން ގޮތަކަށް ބިލު ފާސްކުރާ ބައެއްކަން އޭރު ވެސް ރައްޔިތުން ދަނެ އެވެ.

ދުންފަތް ރާއްޖެއަށް އެތެރެކުރުން މަނާ ކުރެއްވުމަށް ރައީސް އަމީން ނިންމެވި ނިންމެވުމުގައި އާންމު ސިއްހަތަށް ދުންފަތުގެ ސަބަބުން އޮތް ނުރައްކަލުގެ ވާހަކަ ބަހަނާއަކަށް އޮތް ކަމަށް ވިޔަސް އެކަމުގެ ފަހަތުގައި ފޮރުވިފައި އޮތީ ރާއްޖެއަށް ދުންފަތް އެތެރެކުރުމަށް ބޭނުންވާ މިންވަރަށް ބޭރު ފައިސާ ނުލިބުމެވެ.

ހަނގުރާމަ ހުއްޓުނުއިރު ރާއްޖެ އޮތީ ގާތްގަނޑަކަށް ބަނޑަށް ޖެހިފަ އެވެ. ބޭރު ފައިސާ ލިބޭ ހަމައެކަނި ވަސީލަތަކީ ލަންކާއަށް ބޭރުކުރާ މަހެވެ. އެ މަސްކޮޅު ލަންކާ ސަރުކާރުން ގަންނަނީ އެމީހުން ބޭނުން އަގެއްގައި ބޭނުން މިންވަރަކަށެވެ. އޭގެ ބޮޑު ފައިދާ ނަގަނީ ލަންކާ ސަރުކާރުންނެވެ.

ރާއްޖެއަށް ވެރިވެފައި އޮތް ތަދުކަމުން އަރައިގަނެވޭތޯ އެހީ ހޯއްދެވުމަށް ރައީސް އަމީން އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅުން އެއްވެސް މިންވަރެއްގެ އެހީއެއް ނުލިބުނެވެ. ލަންކާ ސަރުކާރަށް ރާއްޖެ އޮތީ ފުދޭވަރެއްގެ ބޮޑު އަދަދަކުން ދަރާފަ އެވެ. އެހެންކަމުން އެ ދަރަނި އަދާކޮށް ބޭރު ފައިސާއަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަކީ އޭރު ދުންފަތް މަނާކުރުމުމަށް އަމީން ބޭނުންފުޅުވި މައިގަނޑު ސަބަބެވެ.

ރާއްޖެއަށް ކުރިމަތިވެފައި އޮތް ތަދުމަޑުކަމާއި ދަރަނި ވެރި ހާލަތުން އަރައިގަތުމަށް ބޭނުންވާ ބޭރު ފައިސާ ސަލާމަތްކުރުމުގެ މަގުސަދުގައި އޭރުގެ ސަރުކާރުން ފާސްކުރި ރާއްޖެއަށް ދުންފަތް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމުގެ ގާނޫނުގެ ސަބަބުން ރުޅިއައިސްފައި އޮތް ރައްޔިތުން ތިބީ ރައީސް އަމީނަށް ދެވުނު ގެއްލުމެއް ދޭން ބޭނުންވެފަ އެވެ. އެފަދަ ހާލަތެއްގައި އޮތް ރައްޔިތެއްގެ ކުރިމައްޗަށް ރައީސް އަމީން ނިކުމެވަޑައިގެންނެވީ އެމީހުން ކޮންޓްރޯލް ކުރެވޭނެކަމުގެ އިތުބާރާ އެކު އެވެ. ނަމަވެސް ކަންދިމާވީ އެހެނެއް ނޫނެވެ. ރައްޔިތުން އެމަނިކުފާނާ ދިމާކޮށް ބޮޑެތި ގެއްލުންދީ ފުރާނަފުޅަށް ނުރައްކާކުރި ވަގުތު އޭރުގެ ސަރުކަރުގެ އިސް ބޭފުޅުންނަށް ވެސް އެކަން ހުއްޓުވޭ ގޮތެއް ނުވި އެވެ. އެ ހަމަލާތަކުން ލިބިވަޑައިގެންނެވި އަނިޔާތަކަށް ޝިފާއެއް ނުލިބި ރައީސް އަމީން އަވަހާރަވީ ވިހަމަނާފުށި (މިހާރުގެ ކުރުނބާ މޯލްޑިވްސް) ގަ އެވެ.