މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް އެމެރިކާގައި ބޭނުން ކުރުން މަނާ ކޮށްފާނެ ކަމުގެ ބިރު އިތުރަށް ބޮޑުވެއްޖެ އެވެ.
މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރެއްވި ގާނޫނެއްގެ ދަށުން އެހެން ގައުމެއްގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގާ އެޕްލިކޭޝަންތައް އެގައުމުގައި މަނާ ކުރެވޭނެ އެވެ.
ޓިކްޓޮކްއަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ޕްލެޓްފޯމަކަށް ވާއިރު، އަންނަ ޖެނުއަރީއާ ހިސާބަށް އެ ކުންފުނިން ޓިކްޓޮކް ވިއްކާނުލައިފިނަމަ އެމެރިކާގައި އެ އެޕްލިކޭޝަން މަނާ ކުރެވޭނެ އެވެ.
އެމެރިކާގެ އެ ނިންމުމާ ދެކޮޅަށް ޓިކްޓޮކުން ކޯޓަށް މައްސަލަ ހުށައެޅި ނަމަވެސް މައްސަލަ ނިމިފައިވަނީ އެ ނިންމުމަަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެން ކަމުން ކުރިއަށް ދުވަސްތަކުގައި އެމެރިކާގައި ޓިކްޓޮކް މަނާ ކޮށްފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެކަން މިހާރު ވަނީ ސޯޝަލް މީޑިއާގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ.
ޓިކްޓޮކްއަކީ މިހާރުވެސް އެކި ގައުމުތަކުގައި މަނާ ކުރެވިފައިވާ އެޕްލިކޭޝަނެކެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް ފަދަ ބޮޑެތި ގައުމުތައް ވެސް ހިމެނެ އެވެ.