ރަޝިއާގެ ނުރައްކާތެރި ޖަރާސީމުތައް ދިރާސާކުރާ ސިއްރު ލެބޯޓްރީއެއްގައި ހިނގި ބަޔޯލޮޖިކަލް އެކްސިޑެންޓަކާ ގުޅިގެން އެކަކު މަރުވެ، އެތައް ބަޔަކު ކަރަންޓީނު ކުރަން ޖެހިއްޖެ އެވެ.

މައިކްރޯބަޔޮލޮޖީ އިންސްޓިޓިއުޓްގެ ތެރޭގައި ޕްލޭގް ބެކްޓީރިއާ ފެތުރުނު މި ހާދިސާގައި ލެބޯޓްރީގެ ފަންނީ ސައިންސްވެރިޔަކު ވަނީ މަރުވެފަ އެވެ.

މިއާއެކު ދުނިޔޭގެ ސިއްހީ އިދާރާތަކުން ދަނީ މި ހާދިސާއަކީ ބަޔޯ-ސޭފްޓީގެ ނުރައްކާތެރި "ފެއިލިއާ" އެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

މި ނުރައްކާތެރި ޖަރާސީމު އާންމުންގެ ތެރެއަށް ފެތުރިގެން ދިއުން ހުއްޓުވުމަށްޓަކައި ރަޝިއާގެ ސަރުކާރުން ވަނީ އެ ސަރަހައްދު ސީލްކޮށް، ވަށައިގެންވާ މުޅި ސަރަހައްދު ފުރިހަމައަށް ކަރަންޓީނު ކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދަށް ވަދެ ނުކުމެވޭ މަގުތައް ބަންދުކޮށް، ކަރަންޓީނުގެ ހަރުކަށި އުސޫލުތަކަށް އަމަލު ކުރަން ވަނީ ފަށާފަ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ޕްލޭގްގެ ނޭވާލާ ނިޒާމަށް އަސަރުކުރާ ބާވަތް (ނިއުމޯނިކް ޕްލޭގް) އަކީ ވައިގެ ތެރެއިން ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ އަދި ފަރުވާ ނުދެވިއްޖެނަމަ މަރުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ބައްޔެކެވެ.

އެހެން ކަމުން އެ ބަލި ފެނުނު މުޅި ސަރަހައްދު ކަރަންޓީނު ކޮށްގެން ނޫނީ ބަލި ފެތުރުން ނުހުއްޓުވޭނެ ކަމަށް ވެސް އިދާރާތަކުން ބުނެ އެވެ.