މި ސަރުކާރަކުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ކުރައްވަމުން ނުދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލް މިހެން ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުން ރައްޔިތުންގެ މަޖިލީސް ސަރުކާރުގެ ބާރުގެ ތެރެއަށް ގޮސްފައިވާ ކަމަށާއި ދެން ސަރުކާރުގެ އަމާޒަކަށް ވާނީ ސުޕްރީމް ކޯޓް ކޮންޓްރޯލް ކުރުން ކަމަށް އިދިކޮޅު އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އުޝާމް ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ "ދައުރު" އަށް މިއަދު ވިދާޅުވީ އެއީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނު ފަހުން މި ހިނގި ހަ މަހެއްހާ ދުވަހު ސަރުކާރުން އެކަން ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖުޑީޝަރީ މިނިވަންކޮށް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އެއްވެސް މަތީ ކޯޓެއްގެ ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައި ނޯންނާނެ ކަމަށެވެ. އަދި ސަރުކާރު އޮތީ ސަރުކާރުންވީ ވައުދުގެ މަތީ، ޖުޑީޝަރީ މިނިވަންކޮށް ހިންގަން ފުރުސަތު ދީގެން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
"ޖުޑީޝަރީ މިނިވަންކޮށް ހިންގުމުގެ ފުރުސަތު އޮންނާނެ. ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު އެއްވެސް މަތީ ކޯޓެއްގެ ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައެއް ނޯންނާނެ. ސަރުކާރު އޮތީ ސަރުކާރުންވީ ވައުދުގެ މަތީ، ޖުޑީޝަރީ މިނިވަންކޮށް ހިންގަން ފުރުސަތު ދީގެން،" އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ނޫނީ ބޮޑު ކުރުމަށް ވެސް ގާނޫނަށް އެއްވެސް ބަދަލެއް ގެނައުމުގެ މަސައްކަތެއް ހިނގަމުން ނުދާކަމަށާއި އެއީ ވެސް ސަރުކާރުގެ ވިސްނުން އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ބަދަލެއް ގެންނަން ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ވެސް ނެތް ކަން އުޝާމް ފާހަގަ ކުރެއްވި އެވެ.
އުޝާމް ވިދާޅުވީ އެމްޑީޕީން ރޭގެ ޖަލްސާގައި އެ ވިދާޅުވީ ޚުދު އެބޭފުޅުންގެ ސަރުކާރުގައި ކަންތައްކުރެއްވި ގޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރަށް އެއް އަހަރުވީ އިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންތަކަކަށް ފިޔަވަޅު އަޅަން ފެށިކަމަށާއި އެގޮތަށް ގޮސް މުޅި ބެންޗު ބަދަލުކުރެއްވިކަމަށް އުޝާމް ވިދާޅުވި އެވެ.