ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހާން ހުންނެވީ އަމިއްލަފުޅަށް ހޯމް ކަރަންޓިނު ވެގެން ކަމަށް ހެލްތު މިނިސްޓަރު ފައިސަލް ސުލްތާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް ހާންއާ ކޮންޓެކްޓްވި ބައެއްގެ އައިސޮލޭޝަންގެ ވާހަކަފުޅެއް ހާމަކުރައްވާފަ އެއް ނުވެ އެވެ.

އުމުރުފުޅުން 68 އަހަރުގެ ޚާން ވަނީ މީޓިންތަކާއި ހަފްލާތަކަށް ވެސް ވަޑައިންނަވާފަ އެވެ. މީގެ ތެރޭގައި އިސްލާމްއާބާދުގައި އޮތް ސެކިއުރިޓީ ކޮންފަރެންސެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައިވެ އެވެ.

މި ކޮންފަރެންސްގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައި ވަނީ މާސްކް ނާޅުއްވާ ކަމަށްވެ އެވެ. އަދި މި ކޮންފަރެންސަށް ފަހު ފަގީރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ހައުސިން ޕްރޮޖެކްޓެއް ފެއްޓެވުމުގެ ރަސްމިއްޔާތަށް ވެސް ވަނީ ވަޑައިގެންފަ އެވެ.

ހާން ވެކްސިން ޖައްސަވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

ޕާކިސްތާނުގެ ސަރުކާރުން ބުނިގޮތުގައި އެ ގައުމުން އިއްޔެ އެކަނި 3،876 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ފަހު ޕޮޒިޓިވް ވި މީހުންގެ އަދަދު މީހާ ގިނަވި ފުރަތަމަ ފަހަރެވެ. މިހާރު އެ ގައުމުގައި ޕޮޒިޓިވި މީހުންގެ ޖުމްލަ އަދަދު ވަނީ 620،000 އަށް އިތުރުފަ އެވެ.

މިބަލީ އިއްޔެ ވެސް 42 މީހުން ވަނީ ޕާކިސްތާނުގައި މަރުވެފަ އެވެ. އަދި މިހާތަނަށް 13،799 މީހުން އެ ބަލީގައި މަރުވެފައިވެ އެވެ.

ޕާކިސްތާނުގައި ކޮވިޑް ވެކްސިން ދޭން ފަށައިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ޗައިނާގެ ސިނޮފާމް، ކޭންސިނޯބައޯ، އޮކްސްފޯޓްގެ އެސްޓްރާޒެނިކާ އަދި ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިންތައް ވަނީ އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ޕާކިސްތާނުން ވަނީ ދީފަ އެވެ. -- ރޮއިޓާސް