ސިޔާސީ ގޮތުން ކޯޅުން ބޮޑުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިނުކުރަން ނިންމައިފި އެވެ.

ރައީސް މުއިއްޒު މިފަދައިން ނިންމެވީ އަދުރޭ އާއި ދެ ބޭފުޅުންގެ ދެމެދުގައި ކޯޅުންބޮޑުވެ ބޮޑެތި މައްސަލަތަކެއް ޖެހިފައި ވަނިކޮށެވެ. އެގޮތުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމުން ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒް އަދުނާން މިހާރު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ޒީނާޒު ވަކިކުރުމަށްފަހު އެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމުގައި ރައީސް މުއިއްޒާއި އަދުރޭގެ މެދުގައި ވާދަވެރިކަން އުފެދި ބޮޑު ކޯޅުމަކަށް ވަނީ ގޮސްފަ އެވެ.

"ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅަކު އެސްޖީ ކަމަށް ހަމަޖައްސަވަން. އަބްދުއްރަހީމް ވެސް ހަމަ އެފަދަ. އަބްދުއްރަހީމް ވެސް ބޭނުންފުޅު ވަނީ އޭނާ ބޭނުންފުޅުވާ ވަކި ބޭފުޅަކަށް އެ މަގާމު ދޭން. ދެ ބޭފުޅުން ވެސް ގޮތްދޫ ނުކުރައްވާ. މައްސަލަ އިތުރަށް ގޯސްވަމުން ދަނީ،" ޕީއެންސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ އަބްދުއްރަހީމަކީ ސިޔާސީ ކަންކަމުގައި އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.

ސިޔާސީ ކަންކަމުގައި އެމަނިކުފާނުގެ ރޯލް މޮޑެލަކީ ވެސް އަބްދުއްރަހީމް ކަމަށް ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވެ އެވެ. އެގޮތުން އެމަނިކުފާނު ރައީސް ކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅުތަކުގައި އަބްދުއްރަހީމް ބައިވެރިކުރެއްވި އެވެ. ނަމަވެސް އޭގެފަހުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އަތޮޅުތަކަށް ކުރައްވާ އެކިއެކި ދަތުރުފުޅުތަކުގައި އަބްދުއްރަހީމް ބައިވެރިކުރުން މިހާރު ވަނީ ހުއްޓާލައްވައިފަ އެވެ. އަދި އޭނާއާ ގާތް ބައެއް މީހުން ވަނީ ކުންފުނިތަކުގެ އިސް މަގާމުތަކުން ވަކިކުރަން ފަށައިފަ އެވެ.

މިހާރު ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވެސް އަބްދުއްރަހީމް ބައިވެރިނުކުރައްވަ އެވެ.

ދިވެހިރާއްޖޭގެ އަޑަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު ފެންނަ ބައެއް މަންޒަރުތަކުން އަބްދުއްރަހީމާއި ރައީސް މުއިއްޒާ ދެމެދު މާބޮޑު ގުޅުމެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ރައީސް އަބްދުﷲ ޔާމީނަށް ދޯކާދީފައިވާ އަބްދުއްރަހީމް މި ސަރުކާރުގެ ތެރެއިން ސިޔާސީ ގޮތުން ބާކީ ކުރުމުގެ އަޑީގައި ހުރީ މަޖްލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކަމަށް އެތެރޭގެ ކޯޅުތަކުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

"ނާޒިމް ބޭނުން ވަނީ އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުގެ ގޮނޑިން ބޭރުކުރުމަށްފަހު އެ ގޮނޑިއަށް އަރަން. އެކަމަށް ރައީސް މުއިއްޒު މިހާރު އާނ ބަސް ދެއްވާފައި. ރައީސް މުއިއްޒު ވިދާޅުވި ކަމަށް ވަނީ ހައެއްކަ މަސް ދެއްވުމަށް އެކަންކަން ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.

އެ ބޭފުޅާ ވިދާޅުވީ އަބްދުއްރަހީމް ސިޔާސީ ގޮތުން "ހަތްޕުނޑަށް" ހަދާނެ ތަން މާގިނަ ދުވަހެއް ނުވެ ފެންނާނެ ކަމަށެވެ.

"ކުރިން މުރައިދޫގެއަށް ކޮންމެ ދުވަހަކު ހަވީރު ސައި ބޯން ދިޔަ އެއްވެސް މަޖްލިސް މެމްބަރަކު މިހާރަކު ނުފެނޭ. އަބްދުއްރަހީމް ގާތްގަނޑަކަށް މިހާރު އެކަނިވެ ނިމިއްޖެ. އެހެންވެ ކުރިން ދުވަހު އެއާޕޯޓުގައި އޮތް ރަސްމިއްޔާތަށް ދިޔައިރު އޭނާގެ އަންހެނުން ގެންދިޔައީ. އެތަނުގައި ބާކީ ނުވާންވެގެން،" ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.