ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށްބުނެ އެމެރިކާގައި ޓިކްޓޮކް މަނާ ކުރުމާ ވަރަށް ގާތްވެފައިވާއިރު, މި ކަން ހުއްޓުވުމަށް ޓިކްޓޮކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު މި މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން ބަލަމުންދާ އިރު, ސުޕްރީމް ކޯޓުގެ ވިސްނުންވެސް ހުރީ ބޭން ކުރުމާ އެއްކޮޅަށް ކަމަށް އެމެރިކާގެ ލޯކަލް ނޫސްތަކުން ރިޕޯޓްކުރެ އެވެ.
މި މައްސަލަ ފެށުނީ ކިހިނެތް؟
އެމެރިކާގެ ގައުމީ ސަލަމާތާ ގުޅުވައިގެން މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. ޓިކްޓޮކް އޭރު ވަރަށް ބޮޑަށް އެމެރިކާގައި މަގުބޫލުވަމުން އަންނާތީ, އެމެރިކާގެ ސިޔާސީ ވެރިން ދިޔައީ އެޕްގެ ނޭދެވޭ އަސަރާ ދޭތެރޭ ސުވާލު އުފައްދަމުންނެވެ. މިކަން ރަސްމީ ސިފައެއް އެމެރިކާއިން ބަލަން ފެށީ އެ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އަދި އެ އަހަރު ޑިސެންބަރު މަހު އެމެރިކާގެ މިލިޓަރީ މީހުންގެ ފޯނުތަކުން އެޕް ޑިލީޓް ކުރަން އެންގިއެވެ. ޖުލައި 2020 ގައި ޗައިނާއިން ކޮވިޑްގެ ކަންކަން މެނޭޖްކުރި ގޮތާމެދު ހިތްހަމަ ނުޖެހި އެ ކަމަށް ފިޔަވަޅު އެޅުމަށްޓަކައި އޭރުގެ ރައީސް ޑޮނާލްޑް ޓްރަންޕް ޓިކްޓޮކް ބޭން ކުރަން ވިސްނާކަމަށް ވިދާޅުވި އެވެ. ނަމަވެސް މި މަސައްކަތަށް މާ ބޮޑު ކުރިއެރުމެއް ނުލިބި އެމެރިކާގެ ވެރިކަން ބަދަލުވި އެވެ. ބައިޑަން ވެރިކަމަށް އެރުމަށް ފަހު ޓިކްޓޮކް ބޭންކުރުމުގެ މަސައްކަތް ހުއްޓުމަކަށް ގެނައެވެ.
ބައިޑެންގެ ވިސްނުމަށް އައި ބަދަލު
2022 ގައި އެފްބީއާގެ ޑިރެކްޓަރު ކްރިސް ވްރެޕް އަނެއްކާވެސް ޓިކްޓޮކާ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަ ފެންމަތި ކުރެއެވެ. އޭނާ ބުނާ ގޮތުގައި ޗައިނާގެ އޮފިޝަލުންނަށް ޓިކްޓޮކުން ދައްކާ ކޮންޓެންޓް ކޮންޓްރޯލް ކުރުމުގެ ބާރު ލިބެއެވެ. މި މައްސަލަތައް ހޫނުވެ ވައިޓް ހައުސްއިން ފެޑެރަލް މުވައްޒަފުންގެ ފޯނުތަކުން ޓިކްޓޮކް ޑިލީޓްކުރަން އޯޑަރުދިނެ އެވެ. ޓިކްޓޮކުން ޗައިނާއަށް ސަރުކާރަށް މައުލޫމާތު ލީކުކުރާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނަން ފެށި އެވެ. އަދި ޤާނޫނީ އިދާރާތަކަށް ޓިކްޓޮކްގެ އިސްވެރިޔާ ހާޒިރުކޮށް 6 ގަޑިއިރުވަންދެން ސުވާލުކޮށް ޓިކްޓޮކަކީ ޗައިނާ ސަރުކާރުގެ ޓޫލެއްތޯ ބެލުމަށް މަސައްކަތްކުރި އެވެ.
ޓިކްޓޮކަށް ދިން އިންޒާރުތައް
މާރޗް 2024 ގައި ޓިކްޓޮކް ބޭން ކުރުމުގެ ރަސްމީ މަސައްކަތް ބައިޑަން ސަރުކާރުން ކުރަން ފެށި އެވެ. ބައިޑަން ސަރުކާރުން ޓިކްޓޮކަށް ދިނީ ދެ އޮޕްޝަންއެކެވެ. އެއް އޮފްޝަންއަކީ ޤާނޫނެއް ފާސްކޮށްގެން އެމެރިކާގައި ޓިކްޓޮކް ބޭންކުރުމެވެ. އެގޮތް ބޭނުން ނޫންނަމަ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކް ވިއްކާލުމެވެ. ޓިކްޓޮކުން މިކަމާއި ދެކޮޅަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ އެވެ. އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސް އިން އަދި ސެނެޓުން ޓިކްޓޮކް ބޭން ކުރުމުގެ ބިލެއް ފާސްކުރި އެވެ. އަދި އޭޕްރިލް 2024 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ބިލުގައި ސޮއިކޮށް ޤާނޫނަކަށް ހެދިއެވެ. މި ބިލަކީ އެމެރިކާގެ ވާދަވެރި ދެ ޕާޓީކަމަށްވާ ޑިމޮކްރަޓްސް އަދި ރިޕަބްލިކަންސްވެސް އެއްގަލަށް އަރައިގެން ފާސްކުރި ބިލެކެވެ.
ޓިކްޓޮކުން ދުލެއް ނުދޭ!
ޓިކްޓޮކުގެ ޕޭރަންޓް ކުންފުނި ކަމަށްވާ ބައިޓްޑާންސްއިން އިން އެމެރިކާއިން އެޅި ފިޔަވަޅުތަކަށް ދޫނުދޭން ނިންމާ, އެމެރިކާގެ ފެޑެރަލް ސަރުކާރާ ދެކޮޅަށް މައްސަލަ ހުށަހެޅި އެވެ. އަދި ބައިޑެން ސަރުކާރުން ފާސްކޮށްފައިވާ ޤާނޫނަކީ ޣައިރު ޤާނޫނެއް ކަމަށް ބުންޏެވެ. އެމެރިކާގެ ކުންފުންޏަކަށް އެޕް ވިއްކާލާން ބޭނުން ނުވާ ކަމަށްވެސް ބުންޏެވެ.
ބޭން ކޮށްފިނަމަ ދެން ވާނީ ކިހިނެތް؟
އެމެރިކާގައި ޓިކްޓޮކް ބޭން ކޮށްފިނަމަ މިހާރު އެޕް ބޭނުންކުރަމުންދާ ފަރާތްތަކަށް އަދިވެސް އެޕް ބޭނުންކުރެވޭނެ އެވެ. ގޫގުލް އަދި އެޕަލް ފަދަ ކުންފުނިތަކުގެ އެޕް ސްޓޯތަކުގައި މި އެޕް ޑައުންލޯޑެއް ނުކުރެވޭނެ އެވެ. އަދި އަޕްޑޭޓެއްވެސް ނުކުރެވޭނެ އެވެ. އެޕް އަޕްޓޭޑް ނުކުރެވޭނަމަ ދުވަސްކޮޅަކުން މި އެޕް ބޭނުންކުރުން ހުއްޓާލަން މަޖުބޫރުވާނެ އެވެ.
އެހެން ގައުމުތަކުގައި ބޭންކުރުމުން ވީ ކިހިނެތް؟
އެމެރިކާއަކީ ޓިކްޓޮކް ބޭން ކުރާ ފުރަތަމަ ގައުމެއް ނޫނެވެ. އެކި އެކި ސަބަބު ތަކާ ގުޅިގެން އިންޑިޔާ, ނޭޕާލް އަދި އަފްގާނިސްތާން އަދި އިރާން ފަދަ ގައުމުތަކުގައި ވެސް ޓިކްޓޮކް ބަނީ ބޭންކޮށްފަ އެވެ. އިންޑިޔާގައިވެސް ޓިކްޓޮކް ބޭންކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. އިންޑިޔާގައި ޓިކްޓޮކް ބޭން ކުރުން ވެގެން ދިޔައީ ޓިކްޓޮކަށް ލިބުނު މާލީ ބޮޑު ގެއްލުމަކަށެވެ.
އެމެރިކާގައި ބޭން ކުރަނީ ކޮންއިރަކު؟
ބައިޑެން ފާސްކޮށްފައިވާ ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން މި މައްސަލައާ މެދު ގޮތެއް ނުނިންމައިފި ނަމަ, 19 ވަނަ ދުވަހު އެމެރިކާގެ އެޕް ސްޓޯތަކުން މި އެޕް ރިމޫވް ކުރާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާ ރައްޔިތުންގެ ވިސްނުން ކިހިނެތް؟
ޓިކްޓޮކަކީ އެމެރިކާގެ އެތައް ހާސް ރައްޔިތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މާލީ ގޮތުން ބަރޯސާވާ އެޕެކެވެ. މި އެޕް ބޭނުން ކުރުން ހުއްޓާލަން ޖެހިއްޖެނަމަ, ވަރަށް ގިނަ ރައްޔިތުންނަށް މި ކަމުގެ މާލީ އަސަރު ފޯރާނެކަމަށް ބެލެވެ އެވެ. ޓިކްޓޮކް ބޭން ކައިރިވަމުން ދާ ވަރަކަށް އެމެރިކާ ރައްޔިތުންދަނީ މި ކަމުގައި ނުރުހުން ފާޅުކުރަމުންނެވެ. މި ކަމަށް ހަޅުތާލުކުރުމުގެ ނިޔަތުގައި ގިނަ ރައްޔިތުންވަނީ ޓިކްޓޮކާ އެއްވައްތަރު ޗައިނާގެ އެހެން އެޕެއް ކަމަށްވާ ރެޑްނޯޓް ޑައުންލޯޑްކޮށް ބޭނުންކުރަމުން ފަށާފަ އެވެ. ފާއިތުވި ދެތިން ދުވަސް ތެރޭގައި ރެޑްނޯޓް ވަނީ އެމެރިކާގައި ދެވަނައަށް އެންމެ ގިނައިން ޑައުންލޯޑްކުރި އެޕަށް ވެފަ އެވެ.