ސޯޝަލް މީޑިއާގައި މިހާރު އެންމެ ހިނގާ އެއްޕޯސްޓަކީ ހޯމް ނިނިސްޓަރު އަލީ އިހުސާނަށް އިތުބާރު އެބައޮތްތޯ ސުވާލު އުފައްދައިފައި ހުންނަ ޕޯސްޓުތަކެވެ. ފަހަތުން އެތައް ބަޔަކު އެންމެ ގާބިލު މިނިސްޓަރޭ އެންމެ އިތުބާރު ކުރެވޭ މިނިސްޓަރޭ ފަދަ އިބާރާތްތަކުން ތައުރީފުކޮށް ލިޔެ އެވެ. ދެން ފެންނަނީ މިނިސްޓަރު އިހުސާނުގެ ދިފާއުގައި ތިބި ކަމަށް ވަކާލާތުކޮށް ހަދާފައި ހުންނަ ޕޯސްޓްތަކެވެ. އެމަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހަޅަން ނިންމި އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލާނެ ކަމަށް ލިޔެފައި އޮވެ އެވެ. މިނިސްޓަރު އިހުސާނަށް ކުރިމަތިވެގެން މި އުޅުއްވަނީ ކޮން މައްސަލައެއްތޯ އެވެ؟

މިނިސްޓަރު އިހުސާނަކީ ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ އެންމެ މުހިންމު ވަޒީރެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދާއެކު އެވެ. އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމާ ކޮންމެ ނިންމުމަކީ ރައްޔިތުންގެ ނިންމުމެވެ. ހިތްހަމަޖެހުނަސް ނުޖެހުނަސް އެއީ ޑިމޮކްރަސީގައި އެކަން އޮންނަ ގޮތެވެ. އެހެންކަމުން އަހަރެމެންގެ އިތުބާރު މިނިސްޓަރަށް އެބައޮތެވެ. ސުވާލަކީ މިނިސްޓަރާ ދޭތެރޭ މިވަރުގެ ހަމްދަރުދީއެއް އުފެދިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ސ. ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިިމް ދީދީ (އައިބީ) ދަރިކަލުން އިހުސާނަކީ ރައީސް މުއިއްޒުގެ ކެބިނެޓުގެ އެންމެ ބާރު ގަދަ މިނިސްޓަރެވެ. ރާއްޖޭގެ އެތެރޭގެ ސަލާމަތާ ބެހޭ މިނިސްޓަރަށް ވުމުގެ އިތުރުން ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ބެލެހެއްޓުމުގެ ޒިންމާ ވެސް އޮތީ އިހުސާނުގެ ބެއްލެވުމުގެ ދަށުގަ އެވެ. މިފަދަ ބާރުގަދަ މިނިސްޓަރަކަށް ނިސްބަތްކޮށް ގިނަ ބަޔަކު ދާދި ފަހުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށްޓަކައި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ފޯމު ފުރި މައްސަލައިގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު އެކަމުގެ އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ކަމަށް ވަނީ މިނިސްޓަރު އިހުސާނެވެ.

ޑީއެންއާރް ތެރޭގައި ޕީއެންސީ ފޯމް ފުރިއިރު މިނިސްޓަރު އިހުސާން އެތަނުގައި މަސައްކަތް ބައްލަވަނީ

ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކޮށް ބެލެހެއްޓުމުގެ މަސައްކަތާ މަތިވެފައި އޮންނަ އިދާރާ، ޑީއެންއާރުގެ ތެރޭގައި އެތަނުގެ މުވައްޒަފުން، މީސްމީހުންގެ ނަމުގައި ޕީއެންސީއަށް ފޯމުފުރައި، އިނގިލީގެ ނިޝާން ޖަހައި ހެކިންގެ ގޮތުގައި ސޮއިކޮށް ހެދި މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކަކީ ހަދާފައި ހުރި އެއްޗެތި ކަމަށް ސަރުކާރުގެ ކޮޅަށް ވަކާލާތު ކުރަމުންގެންދާ މީސްމީހުން ދައުވާ ކުރަމުން އަންނަނިކޮށް ރާއްޖޭގެ ނޫސް ވެރިންނަށް ދައުވަތުދީ އެކަން އެގޮތަށް ހިނގިކަމަށް މިނިސްޓްރީގެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ. އެއްވެސް މީހެއްގެ މަޖުބޫރު ކަމެއް ނެތި އަމިއްލަ އިއުތިރާފުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ޕީއެންސީއަށް ފޯމް ހަވާލުކުރައްވަނީ --- ފޮޓޯ: ޕީއެންސީ

ސަރުކާރުން މިވަނީ ރައްޔިތުން ނަށް އޮޅުވާލައިގެން ބޮޑު ޖަރީމާއެއް ހިންގާފަ އެވެ. އެއަށް ވައްކަމޭ ކިއިދާނެ އެވެ. ބައެއް މީޑިއާތަކުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު އެހެން ކިޔަމުން އެބަގެންދެ އެވެ. ޕީއެންސީގެ މެންބަރުން އިތުރު ކުރުމަށްޓަކައި ހޯމް މިނިސްޓަރު އިހުސާނު އިސްވެ ހުންނަވައި އެމަނިކުފާނުގެ ބެލެހެއްޓެވުމުގެ ދަށުގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ބޭނުން ކުރައްވައިގެން ކުރެއްވި އަމަލަކީ ވައްކަމެވެ. އެކަން ސަރުކާރުން ވަނީ ޔަގީން ކޮށްދީފަ އެވެ. ޖެއްސުންކުރުމުގެ ގޮތުން ޕިޒާ ކާންދީފައި ނޫސްވެރިންނަށް ކިޔައިދިން ވާހަކައިން ދޭހަވީ ބޭނުން ކަމެއް އެއޮތީ ކޮށްފައިކަމެވެ.

އެއްވެސް ޝައްކެއް ނެތި ސާބިތުވާ ވަރަށް އޮޅުވާލުމާއި މަކަރާއި ހީލަތާއި ވައްކަމުގެ އަމަލުތައް ހިންގި ކަމަށް ވިޔަސް ހޯމް މިނސްޓަރަށް އިތުބާރު ދިން ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަނީ އެއީ ދެން އެހާ ވަރުގެ ކަމެއްތޯ އެވެ؟

ވަގު ފޯމްތައް ފުރާއިރު، މިނިސްޓަރު އިހްސާން ހާޒިރުވެ ހުންނަ ފޮޓޯތައް ---

ވައްކަންކުރުމަކީ އެހާވަރުގެ ކަމެއް ނޫނެވެ. އޮޅުވައިލުމަކީ އެހާ ވަރުގެ ކަމެއްނޫނެވެ. ދޮގު ހެދުމަކީ ވެސް އެހާވަރުގެ ކަމެއް ނޫނެވެ. އެއީ ރައްޔިތުން ތަމްސީލު ކުރަން ތިބި ރައްޔިތުންގެ މަޖިލީހުގެ ބަސްމަގު ހުރި ގޮތެވެ. އެހެންކަމުން ހޯމް މިނިސްޓަރު އިހުސާނަށް މަޖިލީހުގެ އިތުބާރު އެބަ އޮތެވެ. މަޖިލީހުގެ ބަހަކީ ރައްޔިތުންގެ ބަހެވެ. އެހެންކަމުން ބުނެވެން އޮތީ ހޯމް މިނިސްޓަރަށް އިތުބާރު އެބަ އޮތެވެ. އެކަމަކު އޭގެ މާނަޔަކީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް ޝަރީއަތް ނުހިންގުމެއް ނޫނެވެ. އެކަން ކުރަން ޖެހެ އެވެ. ސުވާލަކީ އެފަދަ ހިތްވަރެއް ހުރި އިދާރާއެއް ރާއްޖޭގައި އެބަހުރި ހެއްޔެވެ؟