ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު ހިނާ މިހެން ވިދާޅުވެފައިމިވަނީ ނޫސްވެރިކަމާއި އިންޓާނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ބިލެެއް ރައްޔިތުންގެ މަޖިލަހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެފައި ވަނިކޮށެވެ.

ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެޑައިގަންނަވާ ނާޒިމް ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރަމުން އަންނަތާ ދެ މަހެއް ވަރުވެއްޖެކަމަށާއި އެ ބިލް މަޖިލިސްގެ އާ ދައުރު ހުށަހަޅުއްވަން ތައްޔާރުވަމުން އަންނަކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްް ދެއްކެވި ވާހަކަތައް ދޮގުކުރައްވާ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމާއި އިންޓާނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއްނެތްކަމަށް ހީނާ ވިދާޅުވި އެވެ.

" ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން." .
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ

ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިންވެސް ބިލެއް ހުށަހެޅި އެވެ. މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ އަދި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

މި ބިލަށް ނޫސްވެރިންނާއި އާއްމުންގެ ފާޑިކިޔުންތައް ބޮޑުވުމުން އެންމެ ފަހުން ބިލް ވަނީ އަނބުރާ ގެންގޮސްފަ އެވެ.