ރައީސް މުހައްމަދު މުއިއްޒު ހއ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ޝުއޫރުފާޅުކޮށް އެރަށުގައި ދަމާފައިވާ ބެނާތައް ކަނޑާލައިފި އެވެ.

ރައީސް މުއިއްޒުއާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ރޭ ބެނާ ދެމީ އިދިކޮޅު އެމްޑީޕީން އާއި ޑިމޮކްރެޓްސްގެ މެންބަރުންނެވެ. އެ ދެ ޕާޓީގެ މެންބަރުން ހިތްހަމަނުޖެހުން ފާޅު ކުރަން ބެނާ ދަމަން ނިންމީ ރަށަށް ކޮށްދޭން ވައުދުވި ކަންކަމުގެ އެއްވެސް ވައުދެއް ނުފުއްދޭތީކަށް އެ ރަށުގެ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ދިއްދޫގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އަޅައި، ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ހިންގައި އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އޭގެން އެއްވެސް ކަމެއް މިއަހަރުވެސް ކުރުމަށް ރާވާފައި ނުވެ އެވެ.

ބެނާތައް ކަނޑާލުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ޚިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް އަސާސީ ހައްޤެއް ކަމަށާއި އެ ހައްޤު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ. "ޤާނޫނުއަސާސީއާ އަސާސީ ޙައްޤުތަކުގެ ދިފާޢުގައި ބަސްބުނުމަށް ދިއްދޫ ރައްޔިތުން ކުރެއްވި ހިތްވަރަށް ސާބަސް ދަންނަވަން" ފައްޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ ޓީމެއް ވަނީ ބެނާ ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ގެޔަށް ވަދެ އިންޒާރެއް ދީފަ އެވެ. އޭގެ ކުރިން ދުވަހު އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އާއި ނައިބު ރައީސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

ރައީސް އެ ރަށަށް ވަޑައިގަންނަވާއިރު ދަތުރަށް ހުރަސް އެޅޭ ގޮތަށް ޝުއޫރު ފާޅު ނުކުރަން އިންޒާރުދީ ދިއްދޫ ކައުންސިލުން ވަނީ އެމްޑީޕީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު 59 މީހުންގެ ބޮޑު ވަފުދަކާއެކު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ފުރައިވަޑައިގަތީ މިއަދު ހެނދުނު އެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ ހަފުތާގައި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެން ކުދިކުދި މަޝްރޫއުތައް ފައްޓަވައި އަދި ބައެއް ކަންކަން އިފްތިތާހުކޮށްދެއްވައިފަ އެވެ.