ރިސޯޓުތަކަށް ލިބޭ އާމްދަނީން ދިވެހި ރުފިޔާއަށް ބޭންކުތަކުގައި މާރުކުރަން ލާޒިމުވާ ގަވާއިދުގެ ދަށުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރަންޖެހޭ ގޮތަށް އެކުލަވާލި 'ބޭރު ފައިސާގެ ބިލު' ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ގަވައިދުގައި ނިންމި ނިންމުން ބަދަލުކޮށް މި ގާނޫނުގައި އެކަން އިހުތިޔާރީ ކަމަކަށް ވަނީ ހަދާފަ އެވެ. ގާނުނުގައި ބުނެފައިވަނީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރުމުގެ އިހްތިޔާރު ރިސޯޓްތަކަށް ދީފަ އެވެ.

މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުުގައި ހޯރަފުށީ ރައްޔިތުންނާއި ބައްދަކުރައްވާ ވާހަކަ ދައްކަވަމުން ރަައީސް ޑރ. މުއިއްޒު ވިދާޅުވީ ޑޮލަރު ބޭންކުތަކަށް މާރުކުރަން ހެދި ގާނޫނަށް މަދު ރިސޯޓްތަކުން ފިޔަވާ ގިނަ ރިސޯޓްތަަކަކުން ތަބާވެ އަމަލުކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 25 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް ގަވަރުނަރު މައުލޫމާތެއް ދެއްވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރު ފައިސާގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާނެކަމަށެވެ. އަދި އެއްވެސް ވިޔަފާރިވެރިއަކަށް އެއިން އިސްތިސްނާނުވޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

" އެ ގާނޫނަށް ފޯލްވާ އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ހަމަ އެއްވެސް ވިޔަފާރިވެރިޔަކަށް އޭގެއިން އަޅުގަނޑުމެން އިސްތިސްނާއެއް ނުދޭނަން. ކޮންމެ ރިސޯޓެއްކަމުގައި ވިޔަސް އަދި އެގާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ކޮންމެ ފަރާތެއްކަމަށް ވިޔަސް ހަމަޖެހޭނީ އެކަން ކުރައްވަން." .
ރައީސް މުއިއްޒު ވިދާޅުވިއެވެ

ޑޮލަރު މާރުކުރަން ލާޒިމުވާ ގާނޫނުގެ ދަށުން މިދިޔަ އޮކްޓޯބަރު މަހު ރިސޯޓުތަކަށް ލިބުނު އާމްދަނީން ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު މާރުކުރާނެކަމަށް ބެލެވޭ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވަނީ ބުނެފަ އެވެ. އެއީ ގާތްގަނޑަކަށް 617 މިލިއަން ރުފިޔާ އެވެ.

މިމަހުގެ 18 ވަނަދުވަހު އެމްއެމްއޭން ބުނީ 175 ރިސޯޓްގެ ތެރެއިން 138 ރިސޯޓްގެ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓް ލިބިފއިވާކަމަށެވެ.