އެމެރިކާގެ އާ ސަރުކާރުން ޔޫއެއް އެއިޑް (ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް) ދޭ ފަންޑުތައް ހުއްޓާލުމުން، އެ ފައިސާއިން ހިންގާ ރާއްޖޭގެ ބައެއް އިދާރާތައް ހުއްޓި، ވަރަށް ގިނަ މީހުންގެ ވަޒީފާ ގެއްލިއްޖެ އެވެ.
އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ޓްރާންސްޕޭރަންސީ މޯލްޑިވްސް ވެސް ހިމެނެ އެވެ. މިހާރު އެ އިދާރާއިން ވަނީ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓްތައް ބާތިލުކޮށް، ނޯޓިސް ދީފަ އެވެ.
ޔޫއެސް އެއިޑްއިން އެހީ ލިބޭ ތަންތަނުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތައް ވެސް ހިމެެނެ އެވެ. އޭގެ ތެރޭގައި ޕޮލިސް، އެމްއެންޑީއެފް، އެލްޖީއޭ، އަދި ބައެއް ރަށު ކައުންސިލްތައް ހިމެނެ އެވެ. މީގެ އިތުރުން ބާ ކައުންސިލް އޮފް މޯލްޑިވްސް އަދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާއަކީ ވެސް ޔޫއެސް އެއިޑްގެ އެހީގައި ހިންގާ އިދާރާތަކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔޫއެސްއެއިޑުގެ ފަންޑު 90 ދުވަހަށް މެދުކަނޑާލާފަ އެވެ. ވެރިކަމާ ހަވާލުވީއްސުރެ ޓްރަމްޕް ދިޔައީ މިކަން ކުރާނެކަމުގެ އިންޒާރުދެއްވަމުންނެވެ.
މި އެޖެންސީއަކީ "މަރާލަން ޖެހޭ" އެޖެންސީއެއް ކަމަށް ޓްރަމްޕު ވެރިކަމަށް ގެންނަން ފަންޑްކޮށް ތާއީދުކުރި މަހުޖަނު އީލޯން މަސްކު ވަނީ އިއްޔެ ބުނެފަ އެވެ.
އެމެރިކާގެ ސަރުކާރުން މިހާރު ވަނީ ޔޫސްއެސް އެއިޑްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ބަންދުކޮށްފަ އެވެ.