ފާއިތުވި 30 އަހަރު ޔަމަނުގެ އަންހެނެއް ކަމަށްވާ އުމުރުން 40 އަހަރުގެ ހަނާ މަހްދީ ސާލިހު އުޅެމުން އައީ ވަރަށް އަނދިރި ދިރިއުޅުމެކެވެ. މި ކުލަގަދަ ދުނިޔެއިން އޭނާއަށް އެ 30 އަހަރު ފެނުނުހާ ވެސް އެއްޗަކީ ފުސްވެފައިވާ އަލިތަކެކެވެ.
އުމުރުން އެންމެ 10 އަހަރުގައި ލޮލުގެ ފެނުމުން މަހުރޫމުވި ހަނާއަށް ފަރުވާކުރަން އޭނާގެ އާއިލާއިން އެތައް މަސައްކަތެއް ކުރި ނަމަވެސް އެ އާއިލާއަށް ކުރިމަތިވީ ނާކާމިޔާބީއާ އެވެ.
ކުރެވުނު މަސައްކަތްތަކުން އެއްވެސް އަލިމަގެއް ނުފެނި އޭނާގެ ލޮލަށް އަލުން ފެނިދާނެ ކަމަށް ހަނާ ކުރި އުއްމީދު ވެސް ވަކި ހިސާބަކުން އޭނާ ދޫކޮށްލި އެވެ.
އެހެން ނަމަވެސް އަބޫދާބީގައި ދިރިއުޅޭ ހަނާގެ ދައްތައެއްގެ ފަރާތުން 2024 ވަނަ އަހަރު އޭނާއަށް ލިބުނު ހަބަރަކީ އެތަނުގެ މޫރްސްފީލްޑް ހޮސްޕިޓަލުގައި އާ ލޮލުގެ ފަރުވާއެއް އުފެއްދި ހަބަރެވެ. އެ ފަރުވާގެ އަޖުމަ ބަލަން އެ ދައްތަ ހަނާއަށް ލަފާ ދިނެވެ.
އަބޫދާބީއަށް އައުމަށްފަހު އެ ހޮސްޕިޓަލުން ކުރެވުނު ތަހުގީގުތަކުން އެނގުނީ ހަނާއަށް ޖެހިފައިވަނީ "ޖައިރޭޓް އެޓްރޮފީ" ނަމަކަށް ކިޔާ މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއް ކަމެވެ.
"އުއްމީދު ކަނޑާލައިގެން ހުރުމަށްފަހު މި ހޮސްޕިޓަލަށް އައުމުން އަހަންނަށް ހީވި ފަހަރުގައި އަހަރެންގެ ލޮލަށް ފެނުމުގެ ފުރުސަތު އެބަ އޮތޭ" ހަނާ ބުންޏެވެ.
ޑޮކްޓަރުންގެ ޓީމާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ހަނާގެ ސާޖަރީ ކުރެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެތައް ގަޑިއިރަކަށް ދެމިގެންދިޔަ އެ ސާޖަރީއަށްފަހު ހަނާގެ ދެ ލޮލުގެ ފެނުން ވެސް އަނބުރާ ލިބުނެވެ.
ހަނާ ވަނީ މޫރްސްފީލްޑް ހޮސްޕިޓަލުގެ ލޮލުގެ ޑޮކްޓަރުންގެ އެހީ ފާހަގަކޮށް އެމީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. އެ ހޮސްޕިޓަލުގައި އޭނާގެ ތަޖުރިބާ ހަނާ ސިފަކުރީ އޯގާތެރި އާއިލާއަކާއެކު ހޭދަކުރެވުނު ވަގުތުތަކެއްގެ ގޮތުގަ އެވެ.
ދިގު 30 އަހަރަށްފަހު ލޮލަށް ފެނުމުގެ ނިއުމަތް އަނބުރާ ލިބުމުން ދިރިއުޅުމުގައިވާ ކުދިކުދި ކަންކަމަށް ޝުކުރު އަދާކުރަން އޭނާ އިސްކަން ދޭ ކަމަށްވެސް ހަނާ ބުންޏެވެ.
އުފާ