އަންނަ ރޯދަ މަހު އުމްރާއަށް ދާ ދިވެހިންގެ ޑޮލަރުގެ ލިމިޓަށް 1500 ޑޮލަރު އިތުރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިކަން އިއުލާން ކުރެއްވީ މިއަދު ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ މި އަހަރު ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ އުމްރާވެރިއަކަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދެއްވުމަށް އެ ބޭންކަށާއި އެމްއެމްއޭ އަށް ދަންނަވާފައިވާނެ ކަމަށެވެ.

މަޖިލިސް އާ ދައުރަކަށް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް 1،000 ޑޮލަރު ދޫކުރަން ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށެވެ.

ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒުވަމުން އަންނަވަރަކަށް ޑޮލަރު ރޭޓަށް ލުއިތައް ލިބެން ފަށާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.