"ގެދޮރުވެރިޔާ" ސްކީމުގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމައިފި އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ "ގެދޮރުވެރިޔާ" ސްކީމްގެ މައްސަލާގައި ހިންގާ ތަހުގީގުގެ ތެރެއިން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

އެ މައްސަލަ އިސްތިއުނާފްކުރަން އަކްރަމް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ އެ އަމުރު މުރާޖާ ކުރަން ހުށަހެޅުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.

އަކްރަމްގެ އިތުރުން ހައުސިންގެ ކުރީގެ އިސްވެރިންތަކެއްގެ ޕާސްޕޯޓް ވެސް އެ މައްސަލާގައި ހިފެހެއްޓި އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ ސްކީމްގެ ތެރެއިން ވަގު ލިޔުންތަކެއް ހުށަހަޅައިގެން ގޯތިތަކެއް ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ ފަޒީލްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ފެށުމުންނެވެ.

އެ މައްސަލާގައި ފަޒުލް މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު, އޭނާގެ ގެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ފެނުނެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ ފައިސާތައް އަނބުރާ ދީފަ އެވެ.