ފުލުހުންނާއި ސިފައިންގެ ފްލެޓް އެޅުމަށް ފުރަތަމަ ހަވާލުކުރި ނޫމަޑި ރެސިޑެންސް އެންޑް ރިސޯޓްއަށް ބަދަލުދޭން ނިންމިކަން އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގި ސިޓީ އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ސިޓިގައި ސޮއިކުރައްވާފައި ވަނީ އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒެވެ.

އެ ސިޓީގައިވާގޮތުން އެ މަޝްރޫއު ހިންގުމަށް ނޫމަޑިއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ އަނބުރާ ސަރުކާރަށް ނެގުމަށް ނިންމައި، އެކަމުގެ ބަދަލު ނޫމަޑިއަށް ދިނުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމަކަށް މުއިއްޒު ވަނީ ދައުވަތު ދެއްވާފައެވެ.

ނޫމަޑިން ނެދަލޭންޑްގެ ދަ ހޭގްގައި ހުންނަ ކޯޓް އޮފް އާމިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ދިވެހި ސަރުކާރާ އެއްކޮޅަށް ބަޔާން ދިނުމަށްފަހު ފަހުން މުއިއްޒު ވަނީ ނޫމަޑީގެ ހެކިވެރިޔަކަށްވެ ކުރިން ދިން ބަޔާން ބަދަލުކޮށް އެ ކުންފުނީގެ ދިފާއުގައި ބަޔާންދީފައެވެ. މިކަމުގެ ސަބަބުން ދައުލަތުން ނޫމަޑިއަށް ބޮޑު ބަދަލެއް ދޭންޖެހުނެވެ.

މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ފުލުހުންގެ ފްލެޓްތައް އެޅުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އެ މަޝްރޫއާ ގުޅިގެން އޮޑިޓް އޮފީހުން ހެދި ހާއްސަ އޮޑިޓަކުން ވަނީ ހާމަވެފައެވެ.