ސަރުކާރުގެ ކުންފުނިތަކެއްގެ ވެރިންތަކެއްގެ މައްޗަށް ދަރަނިތަކެއް ސާބިތުވެއްޖެ އެވެ.
އެގޮތުން ދަރަނި ސާބިތުވެފައިވަނީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ މެނޭޖިން ޑިރެކްޓަރު ޖިނާން ޖަލީލުގެ މައްޗަށާ އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމު (ރުކުމާ އަހުމަދު)ގެ މައްޗަށެވެ.
ދެމީހުންގެ މައްޗަށްވެސް ސާބިތުވެފައިވަނީ ދެމީހުން ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ކްރެޑިޓް ކާޑަށް ފައިސާ ނުދައްކާ މައްސަލަ އެވެ.
މި ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ މޯލްޑިވްސް އައިލެންޑް ބެވެރޭޖްސް (ތާޒާ ފެން އުފައްދާ) ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖިނާން 2,700 ޔޫއެސް ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ހުކުމުގައިވާ ގޮތުން، މި މައްސަލަ ބީއެމްއެލްއިން ކޯޓަށް ހުށަހެޅީ އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ޖިނާނަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި ބީއެމްއެލްއާއި ޖިނާންއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން 6،298.25 ޑޮލަރު ޖިނާން ނުދައްކާ އޮތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ނަމަވެސް، ބޭންކާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދޭ ލުއިތަކުން އިންސްޓޯލްމަންޓުތަކަށް ބަހައިގެން 2،700 ޑޮލަރު ޖިނާން ދައްކަން ޖެހެ އެވެ. އެ ފައިސާ ގަވައިދުން ދެއްކުމުން ބާކީ ފައިސާ މައާފުކޮށްދޭނެ ކަމަށް ވެސް ބުނެފައިވާއިރު، އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން 55 މަސް ދުވަހުގެ ތެރޭގައި ޖިނާން ފައިސާ ދައްކާ ޚަލާސްކުރަން ޖެހެއެވެ. އެއީ، ހަތަރު އަހަރަށްވުރެ ދިގު މުއްދަތެކެވެ. އެގޮތުން، މަހަކަށް ޖިނާން ދައްކަން ޖެހެނީ 65 ޑޮލަރުކަން ފާހަގަކޮށްލެވެ އެވެ.
ރުކުމާ އަހުމަދަށް ކޮށްފައިވާ ހުކުމަކީ ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑު ބޭނުންކޮށް، އެ ކާޑަށްވާ ފައިސާ ދައްކައިފައި ނުވާ މައްސަލައެކެވެ.
މިދިޔަ އަންގާރަ ދުވަހާ ހަމައަށް އޭނާ އެ ކާޑަށް ދައްކަންޖެހޭ ފައިސާ ވަނީ، 4542.72 ޑޮލަރަށް އަރައިފައެވެ. އެއީ، 70،185 ރުފިޔާ އެވެ. އެ މައްސަލަ ބީއެމްއެލްއިން 2021 ވަނަ އަހަރު ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި އިރު ކުރި ދައުވާގައި ވަނީ، އެހާތަނަށް އޭނާ އެ ކާޑަށް ދައްކަންޖެހޭ 4,088.51 ޑޮލަރު އެކީ އެކައްޗަކަށް ހޯދުމަށް އެދިފަ އެވެ.
ނަމަވެސް، ރުކުމާ އޭރު ވަނީ އެ ފައިސާ މަހުން މަހަށް ބަހައިގެން ދެއްކުމަށް ބޭންކާއެކު އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭޕްރިލް މަހުގެ 20ވަނަ ދުވަހު ސިވިލް ކޯޓުން ރުކުމާގެ މައްޗަށް ހުކުމް ކުރީ އެ އަހަރުގެ މާޗް 31ވަނަ ދުވަހުގެ ނިޔަލަށް އެ ކާޑަށް ދައްކަންޖެހޭ 4,088.51 ޑޮލަރު، ހުކުމް ކުރާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް ދައްކަމުން ގޮސް ހަލާސްކުރުމަށެވެ.
ނަމަވެސް، ހުކުމާ އެއްގޮތަށް އެނާ ފައިސާ ދައްކާފައިނުވާތީ ބީއެމްއެލްއިން ވަނީ އެ ފައިސާ އެކީ އެކައްޗަކަށް އޭނާގެ އަތުން ހޯދުމަށް އެދި އަނެއްކާ ވެސް ދައުވާ ކޮށްފަ އެވެ.
އެ މައްސަލައިގައި މިިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ރުކުމާ ވަނީ ބޭންކާއެކު އިތުރު އެއްބަސްވުމެއް ހަދައިފަ އެވެ. މި އެއްބަސްވުމުގައި ވަނީ، އޭނާ ބޭންކަށް ދައްކަންޖެހޭ 4،088.51 ޑޮލަރުގެ ތެރެއިން، ކޮންމެ މަހަކު 110 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ބޭންކަށް ދައްކައި ހަލާސްކުރާނެ ކަމަށް އެއްބަސްވެފަ އެވެ.
ސަރުކާރު ވެރިންތަކެއްގެ މައްޗަށް ދަރަނިތަކެއް ސާބިތުވެފައިވާއިރު، ރައްޔިތުން މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރެއް ކަމަށްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންވެސް ދައްކަން އޮތް ދަރަންޏެއް ނުދައްކާ އޮތް މައްސަލައެއް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. އަދި އޭގެ ސަބަބުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ދިނުމަށް ސުޕްރީމު ކޯޓަށް އަމިއްލަ ފަރާތަކުން މައްސަލަވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭޣެ ފަހުން ސިނާންގެ ނަމުގައި އެ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ވެއެވެ.