ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރުއާ ޑރ. އަޒްމިރަލްދާ ޒާހިރުއާ ދެކޮޅަށް ބަޔާން ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރަކަށް ފިއްތުންތައް ކުރިމަތިކުރަން ފަށައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް މަސާޖު ޕާލާއެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުގެ ގާޒީއިންނަށް އަޒްމިރަލްދާ އާ މަހާޒު ނުފޫޒު ފޯރުވިކަމަށް ބުނެ އަޑުތައް ފެތުރުނީ، މަޖިލީހަށް މެންބަރުން ހޮވޭ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީއިން ވަކިކުރި ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް ނިންމައި ތަސްދީގުކުރި ބިލުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމާއެކު އެވެ.
ނަން ހާމަނުކުރުމަށް އެދި "ހުރިހާ"އާ ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ޑރ. އިސްމާއިލް ހައްޔަރުކޮށް މުއްދަތުގެ މަޖިލީހަށް ގެންދިއުމުގެ ކުރިން މަހާޒު އާ އަޒްމިރަލްދާ ކުރިމިނަލް ކޯޓުގެ ގާޒީއިންނަށް ގުޅާ އެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނެ ބަޔާން ދިނުމަށް ޖޭއެސްސީއިން ގެންދަނީ ކުރިމިނަލް ކޯޓުގެ ތިން ފަނޑިޔާރަކަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އެގޮތުން އެ ކޯޓުގެއިސް ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު ސޮފްވަތު ހަބީބު އާއި އިބްރާހިމް ޒިހުނީ ބަޔާން ދިނުމަށް ޖޭއެސްސީން ދަނީ މަޖުބޫރުކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އަދި އެ ތިން ފަނޑިޔާރުން ވެސް އެކަމަށް އިންކާރުކުރައްވަމުން ގެންދަވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ސުޕްރީމު ކޯޓުގެ މި ދެ ފަނޑިޔާެރުންނާ ދެކޮޅަށް ބަޔާން ދިނުމަށް ޖޭއެސްސީއިން ދަށު ކޯޓުގެ ތިން ފަނޑިޔާރަކަށް މަޖްބޫރުކުރަމުން މި ގެންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ބިލެއް ވެސް ސަރުކާރުން މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގަ އެވެ.