މާދަމާ އަކީ މިއަަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް އިސްލާމިކް މިނިސްޓްރީން ދެންމެ އިއުލާންކޮށްފި އެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ ޝައުބާން މަހުގެ 29 ދުވަސް ހަމަވުމުންނެ އެ މަހުގެ 30 ވިލޭ ރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަނދާގުޅޭ ގޮތުން ނެރުއްވި ގަރާރުގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު އިސްލާމީ ބައެއް ގައުމުތަކަށް ފެނުނުކަމަށް ޝަރުއީގޮތުން ސާބިތުވާތީ އާއި ރަމަޟާން މަހާއި ޝައްވާލު މަހުގެ ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެ މަތިން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާކަމަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވާ ނެރުއްވާފައިވާ ހަނދު ސަބިތު ކުރުމުގެ ބަޔާނުގައިވަނީ، މިބަރަކާތްތެރި ރަމަޟާން މަހުގައި އަޅުކަންކުރުމަށް ފަރުވާތެރިވުމަށާއި މާތްﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ރާއްޖޭގެ އިސްލާމީ ކަލަންޑަރުން ވެސް މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ނުވަތަ މުލަ ރޯދަ ދުވަހެވެ. އެ ނިންމުން އައިސްފައި ވަނީ ފަލަކީ ހިސާބުތަކަށް ރިއާޔަތް ކޮށްގެންނެވެ. ފަލަކީ ހިސާބުން ދައްކާ ގޮތުން ރާއްޖޭގެ ސަރަހައްދަށް މިއަދުގެ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ އެވެ. ހަނދު އޮއްސޭނީ 26 މިނިޓާއި 28 މިނިޓާ ދެމެދުގެ ވަގުތަކަށް ފެންމަތީގައި ހުރުމަށް ފަހު އެވެ. އެހެންކަމުން އެއީ އުޑުމަތި ސާފުނަމަ ހަނދު ހަމަ ލޮލަށް ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހި ވެގެން ދާނެ މިންވަރެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ބަޔަކަށް މިރޭގެ ހަނދު ފެނުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑުކޮށެވެ.

ދުނިޔޭގެ މުސްލިމު ގިނަ ގައުމުތަކަށް މިރޭ ރޯދަ މަހުގެ ހަނދު ފެނުމުގެ ފުރުސަތު އޮތުމުން ރާއްޖެއެކޭ އެއްފަދައިން މާދަމާ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ރޯދަ ހިފާނެ އެވެ. މިގޮތުން ސައުދީ އަރަބިއްޔާއިން ވަނީ ހަނދު ފެނުނުކަން އިއުލާންކޮށްފަ އެވެ. ބަރަކާތްތެރި ރޯދަ މަހަށް މަރުހަބާ އެވެ.