ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒާ ވޭޕް ބޭނުން ކުރައްވާތީ ވޭޕް މަނާކުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މުޒާހަރާގައި ވާހަކަ ދައްކަވާފައިވަނިކޮށް އެކަން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ދޮގު ކުރައްވައިފި އެވެ.
ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވަނީ ރައީސްގެ އަނބިކަނބަލުންގެ ބަޔާނެއް އިއްވަވާފަ އެވެ.
"އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،" ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ބަޔާނުގައި އެކަމަނާ ވިދާޅުވީ އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް ޤަސްދު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ވާހަކަތަކާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އަދި މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ކޯޓަށް ދާން ރައީސްގެ އަނބިކަނބަލުން ސާޖިދާ ވަނީ ނިންމަވާފަ އެވެ.
އާޒިމާ ވިދާޅުވީ ކުދިންގެ މަންމަގެ ހައިސިއްޔަތުން ސާޖިދާ ނިންމަވާފައި އޮތް ނިންމެވުމަކީ ޖިނާއީ މައްސަލަތަކެއްގެ ދަޢުވާ ކުރިއަށް ގެންދަވުމަށް ނޫން ކަމަށެވެ.
"އެ ކަންތައްތައް އެއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރިއަށް ގެންދަވައިފި ކަމަށް ވަންޏާ އެ ބޭފުޅުންގެ މަސައްކަތަކަށް ހަވާލު ކުރައްވާފައި މަދަނީ މައްސަލަތަކުގެ މަދަނީ ބައިތައް ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި އޮންނާނީ،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ދެއްކި ވާހަކަތަކަށް ދައުވާ އުފުލުމަށް ނިންމާފައިވާ ކަމަށާއި އަދި ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓް ކޮށްފައިވާތީ ކަމަށެވެ. އަދި ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމާ އިތުރަށް ވިދާޅުވީ، ރައީސްގެ 18 އަހަރު ނުފުރޭ ބޭފުޅުންގެ ޙައްޤުތައް ގެއްލި އެ ބޭފުޅުން ނުރައްކަލަށް ހުށަހެޅިގެން ދިޔައީމާ ކަމަށެވެ. ނަމަވެސް ދަޢުވާ ބައްޓަން ކުރައްވާނެ ގޮތެއް ނުވަތަ ދަޢުވާ ކުރަނީ ސީދާ ކޮން ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިގެން ކަމެއް އާޒިމާ ވިދާޅެއް ނުވިއެވެ.
މި މައްސަލައަކީ އަދިވެސް ދިރާސާ ކުރަމުންދާ މައްސަލައެއް ކަމަށާއި، އެހެންކަމުން އިތުރު މަޢުލޫމާތު މިވަގުތު ހާމަކުރަން ބޭނުންފުޅު ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.