އިދިކޮޅު މައި ޕާޓީ، އެމްޑީޕީއިން ބޭއްވި އެއްވުމެއްގައި ބައިވެރިއަކު ދެއްކި ވާހަކައަކާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ބެނިވެރި އިދާރާ އިލެކްޝަންސް ކޮމިޝަނުން އިންޒާރުގެ ބަޔާނެއް ނެރެފި އެވެ. ޚިޔާލުފާޅުކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހަނދާންކޮށްދިނުމުގެ އިތުރުން އުސޫލުތަކާ ޚިލާފުވާ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ބަޔާނުގައި ވަނީ ދީފަ އެވެ. މައްސަލައަކަށްވީ ރައީސް މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް ވާހަކައެއް ދެއްކުމެވެ. ރާއްޖޭގެ މުޖުތަމައުގައި ބާއްވާ ސިޔާސީ އެއްވުންތަކުގައި އާންމު ގޮތެއްގައި ދައްކާ ވާހަކަތައް ހުންނަ ރާގަށް ދެކެވުނު ވާހަކައެކެވެ. ތަފާތަކީ ވާހަކަ އަމާޒުވީ ރައީސާއި އޭނާގެ ދަރިއަކަށް ކަމަށް ވުމެވެ.

ރައީސް މުއިއްޒުގެ ދަރިކަލެއްގެ ވާހަކަ އެމްޑީޕީގެ މުޒާހަރާއެއްގައި ދެކެވުމުގެ ދެތިން ހަފުތާ ކުރި އެވެ. ރާއްޖެތެރޭގެ ރަށެއްގައި އަންހެނެއްގެ އިއްފަތްތެރިކަން ނަގާލިކަމުގެ ތުހުމަތު ޒުވާން ފިރިހެނަކަށް ކުރެވުނެވެ. ރަށުގެ ގިނަ ބަޔަކު މަގުމައްޗަށް ނިކުތެވެ. އެ ފިރިހެން މީހާ ނެރެ އަދަބު ދިނުމަށް ގޮވައި އަޑުގަދަކުރަން ފެށި އެވެ. އެއްބަޔަކު ގޮވަމުން ގެންދިޔައީ ރަޖަމު ކުރުމަށެވެ. އިރުކޮޅަކުން ފެނުނީ އެ ފިރިހެން މީހާ ހުރިތަނަކުން ދަންޖެހެން ބޭނުންވާނެ ސާމާނު ހިފައިގެން އެންމެންގެ ކުރިމަތީން ހިނގާފައި ގޮސް ބަންދު ތަނަކަށް ވަން މަންޒަރެވެ. ދެން ފެނުނީ އޭނާ ދަންޖެހިފައި ހުއްޓަ އެވެ. ކަމާބެހޭ ފަރާތެއްގެ އެއްވެސް ބަޔާނެއް ނެތެވެ. މައްސަލަ ނިމުނީ އެވެ. ޚިޔާލުފާޅުކުރުމާއި މިނިވަންކަމުގެ ބޭނުން މިކުރެވުނީ ރަނގަޅަށްތޯ ނުބައިކޮށްތޯ ބަލާނެ އިދާރާއެއް އެ ވާހަކަ ދައްކާނެ ޒިންމާދާރު ވެރިއެއް ނެތެވެ.

ފިރިހެން މީހާގެ މަރަށްފަހު ދެން ފެނުނީ އޭނާ ދަންޖެހެން ޖެހުނު ސަބަބު ކަމުގައިވާ އޭނާގެ ބޮލުގައި އިލްޒާމުއެޅުވި ކަމަށް ބެލެވޭ އަންހެން މީހާއާ ރަށު މީހުން ދިމާކޮށްލާ މަންޒަރެވެ. މިފަހަރުގެ ވާހަކައަކީ ދަންޖެހުނު ފިރިހެން މީހާއާބެހޭ ގޮތުން އަންހެން މީހާ ދެއްކީ ދޮގު ވާހަކަ ކަމަށާއި އެކަމަށް އޭނާ އެއްބަސްވެ އިއުތިރާފުވެފައިވާ ކަމަށެވެ. އެނޫނަސް އެފަދަ ދޮގުތައް އޭނާ ހަދާފައިވާ ކަމަށް ވެސް ގޮވަމުން ގެންދިޔަ އެވެ. އެހެންކަމުން އަންހެން މީހާއަށް އަދަބު ދޭން ރަށު މީހުން ބޭނުންވި އެވެ. އޭނާ ރަޖަމުކުރަން ގޮވި އެވެ. ނަސީބަކުން އިތުރު މަރަކާ ހަމަޔަށް ދިއުމުގެ ކުރިން އޭނާގެ ސަލާމަތަށްޓަކައި ފުލުހުންގެ ހިމާޔަތުގައި އޭނާ އެރަށުން ބޭލި އެވެ. ބަޔާނެއް ނެރެލާނެ އިދާރާއެއް ނެތެވެ.

ރާއްޖެއަށް ޑިމޮކްރަސީ އައިސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ލިބި ފުރިހަމަވީ ކަމުގައި ބެލެވެނީ 2008 ން ފެށިގެންނެވެ. އޭގެ ކުރީން ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމު ބަލިކުރުމަށްފަހު އެމްޑީޕީއިން ވެރިކަން ކާމިޔާބުކުރި ހިސާބުންނެވެ. އެމްޑީޕީ އިން ފެށި ޑިމޮކްރެޓިކް ވެރިކަމުގެ ސިލްސިލާގައި ރައީސް މުހައްމަދު މުއިއްޒަކީ ފަސްވަނަ ރައީސެވެ. ކޮންމެ ރައީސާކާއި އެ ރައީސެއްގެ އާއިލާއަށް ފުރައްސާރަ ކުރުމާއި ވަނަން ގޮވުމާއި ހަޑި ހުތުރު ބަހުން މުޚާތަބުކުރުން ވެފައި އޮތީ އާންމު ކަމަކަށެވެ. އެއީ ޑިމޮކްރަސީގެ އަސާސެއް ފަދަ އެވެ.

ފުރައްސާރައާއި ޖެއްސުމަށް ގިނަ ބޭފުޅުން ރައްދެއް ނުދެއްވަ އެވެ. އެހެނަސް ރައީސް މުއިއްޒު މިވަނީ އެމަނިކުފާނުގެ އާއިލާގެ ދިފާއުގައި ނިކުންނަވާފަ އެވެ. އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ކޯޓަށް ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވެ ބަޔާނެއް ނެރުއްވާފަ އެވެ.

ރައީސް މުއިއްޒު ވަނީ އަދަދު ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާއަށް ގުޅުއްވައި ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ތިންފަހަރު މަތިން ތަކުރާރުކޮށް ދެއްވާފަ އެވެ. ސުވާލަކީ ޑިމޮކްރަސީއާއެކު އުފަންވެ، އިމެއް ނެތް މިންވަރަށް ލިބުނު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައީސް މުއިއްޒާ ހަމައިން ހަމަޔަކަށް އެޅިގެން ދާނީ ހެއްޔެވެ؟ ނުވަތަ ބޮޑު ކެކުރިއާއި ކުޑަ ކެކުރީގެ އިންސާފުން، ބޮޑު މީހާއަށް ބޮޑު އިންސާފު ލިބި އާދައިގެ މީހާއަށް ހިންދިރުވާލަން ޖެހޭނީ ހެއްޔެވެ؟