ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިފުޅުގެ ހައްގުތަކަށް އަރައިގަތް ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އަރައިގަތް ބުނެ މަންދީގެ މައްޗަށް މަދަނީ ދައުވާކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ސާޖިދާގެ ފަރާތުން ގާނޫނީ ވަކީލު އާޒިމާ ޝުކޫރެވެ.

ސާޖިދާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދަރިކަލުން އުމައިރު މުޙަންމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ހާލަތެއް މެދުވެރިކުރުވައި، އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ. އަދި މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާތީ އާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އުމައިރުގެ މަންމަ އަދި ރައީސް އަނބިކަނބަލުން ސާޖިދާގެ ފަރާތުން މަރިޔަމް ޒުބައިރުގެ މައްޗަށް ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށް އާޒިމާ ނެރުނު ބަޔާނުގައިވެ އެވެ.