ހުރިހާގެ "ރޯދަ މަލާފަތް" ސެގްމެންޓްއަކީ ކިޔުންތެރިންނާ ހަމައަށް މި ރޯދަ މަހު ތަފާތު ރަހަމީރު ކެއުންތައް ގެނެސްދިނުމުގެ ބޭނުމުގައި ގެނެސްދޭ ސެގްމެންޓެކެވެ.

އެގޮތުން މިއަދު މި ގެނެސްދޭ ސާގު ކަންޖަކީ ވެސް އިހު ދިވެހިންގެ ދިރިއުޅުމުގައި ވެސް ވަރަށް ގިނައިން ކައި އުޅުނު ރަހަމީރު ފޮނި ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ސާގު
  • 2 ޖޯޑު ހަކުރު
  • 2 ޖޯޑު ކާށިކިރު
  • 12 ޖޯޑު ފެން
  • 6 ކާފޫރު ތޮޅި
  • 5 ސައި ސަމުސާ ފިނިފެން
  • 2 އިންޗި ރާނބާފަތް

ތައްޔާރު ކުރާނެ ގޮތް

  1. ބޮޑު ތެއްޔަކަށް 6 ޖޯޑު ފެނާއި ސާގުކޮޅު އަޅައި ހަލަމުން ކައްކާށެވެ. ސާގުކޮޅު ރަނގަޅަށް ކެކުމުން ހުންނާނީ އެތެރެ ފެންނަ ގޮތަކަށެވެ. ކެކުމުން އުނދުން މަތިން ބާލައި ސާގުކޮޅު ފުރާނާލައި ދޮވެލާށެވެ.
  2. ދޮވުނު ސާގުކޮޅާއި ބާކީހުރި ފެންފޮދުގެ އިތުރުން ހަކުރު، ރާނބާފަތް އަދި ކާފުރުތޮޅި ތެއްޔަށް އަޅައި މެދު ގިނީގައި ކައްކާށެވެ. ސާގުކޮޅު ގަނޑުވިޔަ ނުދިނުމަށްޓަކައި އަވަސް އަވަހަށް ހަލަންވާނެ އެވެ.
  3. ބޮކިޖަހާ ކެކެން ފެށުމުން ކާށިކިރު ކޮޅާއި ފިނިފެން އަޅައި ރަނގަޅަށް އެއްކޮށް މަޑު ގިނީގައި މިނެޓެއްހާއިރު ކެއްކުމަށްފަހު އުނދުން މަތިން ބާލާށެވެ.