މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8 ޖަހާއިރު ކަމަށެވެ. ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފިތުރު އީދު ދުވަހަކީ މީލާދީ ގޮތުން މާޗު މަހުގެ 31 ވާ ހޯމަ ދުވަހެވެ.
ހަނދުބެލުމުގެ ކަންކަން އެހެން އަހަރުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ހަނދުބެލުމަށް ދިޔުމާއި ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކި ބަސްދިނުމުގެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ހަމަޖައްސާފަ އެވެ.
ޑީޖޭއޭއިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށްޓަކާ، އަދި ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މާޗު 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
މާލޭގައި ނަމަ ހަނދު ފެންނަ ބަޔަކު ހެކި ބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށާ، އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީ ކަމަށް ޑީޖޭއޭއިން ބުނެ އެވެ.
މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީ ކަމަށް އެ އިދާރާއިން ބުނެ އެވެ. މިގޮތުން ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު، ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބް އަދި މިނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދިނުމަށް ޑީޖޭއޭ އިން އެދެ އެވެ.