މާލެ، ހުޅުމާލެ، ވިލިމާލޭގައި މާދަމާ ހަވީރު ފައިމަގުގައި އުޅެންޖެހޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އީދު ދުވަހުގެ ހަވީރު 16:00 އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ކައުންސިލްގެ ޖަލްސާއަކުން ނިންމާފައިވާ ކަމަށެވެ.

ވެހިކަލް ދުއްވުން މަނާވިޔަސް އިމަޖެންސީ ހާލަތުގައި ހުއްދަ ދެވިފައިވާ ވެހިކަލްތަކަށް ދަތުރުކުރެވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ. އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްސަ ސްޓިކާ އެ ކައުންސިލްގެ އާންމު ޚިދުމަތާ ބެހޭ ބައި އިން މާދަމާ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ދޫކުރާނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ހުއްދަދެވިފައިވާ ވެހިކަލްތައް ފިޔަވައި އެހެން ވެހިކަލްތައް އެ ގަޑީގައި ދުއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.