އީދު ރަމްޒުކޮށްދޭ އިންސާނީ ޝިއާރަކީ، ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދިނުން ކަމަށް މިއަދުގެ އީދު ނަމާދުގެ ޚުތުބާގައި ވިދާޅުވެއްޖެ އެވެ.

މިއަހަރު ފިތުރު އީދު ނަމާދު ނަމާދު ވަނީ މާލެ އާއިި އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައި ބޮޑު ޖަމާއަތުގައި އަދި ބޮޑެތި މިސްކިތްތަކުގައި ކޮށްފަ އެވެ.

އިސްލާމީ އީދުތައް ފެށެނީ، މާތްﷲ އަށް ޝުކުރުދެންނެވުމަށް ޓަކައި، ކުރެވޭ އީދު ނަމާދުގެ ޖަމާއަތުންނެވެ. މިއަދުގެ ޚުތުބާގައި ވަނީ އީދު ނަމާދުގެ ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ތައާރަފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުސަތު ލިބޭ ކަމަށާއި، އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތް ތިމާގެކަމުގެ ޝުއޫރުތައް ފާޅުކުރެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.

މާފަންނު ސްޓޭޑިއަމްގައި މިއަދު ހެނދުނު އޮތް ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ދެ ދަރިކަލުން ބައިވެރިވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ އީދުތަކަކީ، އޭގެ އުފަލުގައި އެންމެން ބައިވެރިކުރުވާން ޖެހޭ އިހުތިފާލުތަކެއްކަން ހަނދާންކޮށްދެއްވަމުން އީދު ޚުތުބާގައި ވަނީ އީދު ދުވަހު އުފާފާޅުކުރަންވީ ހަމަ އެކަނި ތަނަވަސް މީހުން އެކަނި ނޫން ކަމަށާއި، ތަނަވަސްކަމުގެ އަހުލުވެރީން، އެ ދުވަހުގައި އުފާ ފާޅުކުރަންވީ ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، އީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކޮށްގެން ކަމަށް ވިދާޅުވެފައިވެ އެވެ.

ފިތުރު އީދު ދުވަހު، އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވާފައި ވަނީ، އޭގެ ސަބަބުން ފަގީރުންނަށް އީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބޭނެތީ ކަމަށާއި، އިސްލާމީ އީދުތަކަކީ، ޒީނަތްތެރިވުމުގެ މުނާސަބަތުތަކެއް ކަމަށް ވެސް ޚުތުބާގައި ވިދާޅުވި އެވެ.

މިއަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ބައިވެރިވުމަށް މާފަންނު ސްޓޭޑިއަމަށް މިއަދު ހެނދުނު މީހުން ޖަމާވެފައި. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިހެންވެ އީދު ދުވަހު ހިނައިގަތުމާއި، އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން، ސުންނަތް ވެގެންވާކަން ފާހަގަކުރައްވަމުން ޚުތުބާގައި ވަނީ ހުވަނދުލުމާއި، މީރު ވަސް ދުވާ އެއްޗެހީގެ ބޭނުންކުރުމަކީ، އިސްލާމީ ރިވެތި އަދަބެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. ކީރިތި ރަސޫލާގެ ސުންނަތުން އެނގޭ ގޮތުގައި، އިސްލާމް ދީން މަނާކުރަނީ، އިސްރާފުކުރުމާއި، ބޮޑާކަމާއި، ކަންދެއްކުމުގެ ސިފަޖެހިފައިވާ ކަންތައްތައް ކަމަށް ވެސް ޚުތުބާގައި ވިދާޅުވި އެވެ.

މިއަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ބައިވެރިވުމަށް މާފަންނު ސްޓޭޑިއަމަށް މިއަދު ހެނދުނު މީހުން ޖަމާވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުތުބާގައި ވިދާޅުވީ ގައުމުގެ އިސްލާމީ ޝަހުސިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި، އިސްތިގުލާލު ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކައުތެރިކޮށް، ދަމަހައްޓާން މިއަދު އަޒުމު ކަނޑައަޅާން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ލޮބުވެތި ވަތަން، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ، އަހަރެމެންގެ ދަރީންނަށް އިސްލާމީ ތަރުބިޔަތާއި ތަޢުލީމު ފޯރުކޮށްދީގެން،" އީދު ޚުތުބާގައިވެ އެވެ.

އީދު ޚުތުބާގައި ވަނީ އީދު ދުވަހު އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެކަން ހަނދާން ކޮށްދީފަ އެވެ. އީދުގެ އުފާ ފާޅުކުރަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންގެ މަތީން ހަނދާންކުރުމަށް ޚުތުބާގައި ގޮވާލެއްވި އެވެ. އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ ކެކުޅުންތަކުން އެ މީހުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުޢާކުރާން ޖެހޭކަމަށާއި، ހަމަ އެހެންމެ، އަހަރެމެންގެ ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތާލުމަށް ވެސް ޚުތުބާގައި ގޮވާލެއްވި އެވެ.

އިސްލާމް ދީން ގޮވައިލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށް ކަމަށް ވެސް ޚުތުބާގައި ވިދާޅުވި އެވެ.

އަނިޔާވެރިޔާ އާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެ ކަމަށާއި، ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެގެން ކަމަށް ވެސް ޚުތުބާގައި ވިދާޅުވި އެވެ. އަދި އީދު ރަމްޒުކޮށްދޭ އިންސާނީ ޝިއާރަކީ، ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދިނުން ކަމަށް ވެސް ފިތުރު އީދުގެ ޚުތުބާގައި ވިދާޅުވި އެވެ.