މި އަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމު ހަމަޖެއްސެވި ފަރާތްތަކަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ސޯޝަލް މިޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވެލެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރައީސް ޝުކުރު އަދާކުރެއްވި ފަރާތްތަކުގެ ތެރޭގައި ފުލުހުން، ސިފައިން، އިސްލާމިކް މިނިސްޓްރީ، ސިޓީތަކާއި ބެހޭ މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، ދިވެހި ބަހާ ބެހޭ މިނިސްޓްރީ، އެމްޓީސީސީ، އެސްޓީއޯ، ސްޓެލްކޯ، ވެމްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ، ޕީއެސްއެމް، އެޗްޑީސީ، އާރްޑީސީ އަދި އެމްޕީއެލް ހިމެނެ އެވެ.
މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ބޮކި ދިއްލުމާއި، އީދު ހަވީރު ބޭއްވުމުގެ އިތުރުން ހަވާ އެރުވުންފަދަ ހަރަލާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މީގެ ތެރެއިން ބައެއް ހަރަކާތްތަކުގައި ރައީސްގެ ދެކަނބަލުންނާއި ވެސް ރައްޔިތުންނާއި، ކުޑަކުދިންނާއި އަދި އާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފަ އެވެ.
ރައީސް ވިދާޅުވާ ގޮތުގައި، ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތަކާއި، މިގޮތުން އީދު ފަދަ ދުވަސްތައް އަހަރަކަށް ވުރެ އަހަރެއް ކުލަގަދަކޮށް ފާހަގަކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.