ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދުގެ މައްސަލަ އަލުން ބަލަން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.

މިއީ ކުރިން ހައިކޯޓުގެ ރަޖިސްޓްރާ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލުކޮށް، އަލުން މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމެކެވެ.

ޝައްމާން ހައްޔަރުކުރެވުނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާއަށް ތުހުމަތުކުރެވެނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި، އެ މީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މައްސަލައިގަ އެވެ. މި މައްސަލައިގައި ޝައްމާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރުން ވެސް ވަނީ ހައްޔަރުކުރެވިފަ އެވެ.

ޝައްމާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދަށު ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދު 15 ދުވަހަށް އިތުރުކުރި އެވެ. މި ނިންމުމާ ގުޅިގެން ޝައްމާންގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، ފުރަތަމަ ނިންމީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމަށެވެ. ނަމަވެސް، މިހާރު ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބަލަން ނިންމާފަ އެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އިމިގްރޭޝަންގެ ރެއިޑެއްގައި ހިފެހެއްޓުނު ބިދޭސީއެއްގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން ރެއިޑްގައި ބައިވެރިވި އިމިގްރޭޝަންގެ ތިން އޮފިސަރުން ގޮސްފައިވަނީ ޝައްމާންގެ އެޕާޓްމަންޓަށެވެ. މީގެ އިތުރުން، ފުލުހުންގެ ތަހުގީގެ ތެރެއިން ޝައްމާންގެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ. އަދި ހައިކޯޓުގެ މި އައު ނިންމުމާ ގުޅިގެން ޝައްމާންގެ މައްސަލަ އަލުން ބަލަމުންދާނެ ކަމަށް ބެލެވެ އެވެ.