ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަން ތައްޔާރުވެއްޖެ އެވެ.

އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވީ މިއަދު ކުރިއަށް ގެންދެވި "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރައީސް ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއް ވުމުން ގިނަ ބަޔަކު، ހާއްސަކޮށް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށެވެ.

މެއި މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށާއި، މިހާރުން ފެށިގެން އެކަމަށް ތައްޔާރުވުމަށް ނޫސްވެރިންނަށް ދަޢުވަތު ދެއްވާކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދީފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއްކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނަމަވެސް ރައީސް މުއިއްޒުއަކީ މީޑިއާ އާ ދުރު ބޭފުޅެއްކަން ފާހަގަކުރެވެ އެވެ. މިފަހަރުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސްކަމާއި ހަވާލުވެ ވަޑައިގެންފަހުން ބާއްވަވާ ދެވަނަ ބައްދަލުވުމެވެ.