ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލާ މަގާމު އަނބުރާ އިއާދަކޮށްދިނުމަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބޭރު ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ގޮވާލައިފި އެވެ.

މަޖިލިސް މެންބަރެއްގެ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ އިސްލާހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް މިދިޔަ 26 ފެބްރުއަރީގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

މީގެ ތެރެއިން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އަޒްމިރާލްދާ އާއި މަހާޒްގެ އަޑުއެހުންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިކަމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ސަރަހައްދުގެ ޑައިރެކްޓަ އެލެއިން ޕިއާސަން ބުނީ ތިން ފަނޑިޔާރުންނާ ދެކޮޅަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅާފައިވާ ފިޔަވަޅުތަކުން، ސުޕްރީމް ކޯޓުގެ ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާކަމަށް ބެލެވޭކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

ޕިއާސަން ވިދާޅުވި ގޮތުގައި ދުސްތޫރީ މުހިންމު މައްސަލަތަކުގައި ކޯޓުތަކަށް މިނިވަންކަމާއެކު ހުކުމް ނުކުރެވޭނަމަ ރާއްޖެއަކީ ހައްގުތަކަށް އިހުތިރާމްކުރާ ގައުމަކަށް ނުވެވޭނެ ކަމަށެވެ.

މި ޖަމިއްޔާއިން އިތުރަށް ފާހަގަކުރި ގޮތުގައި 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން ޖޭއެސްސީއަކީ ޝަރުއީ ދާއިރާއާ ގުޅޭ ޝަކުވާތައް ތަހުގީގުކޮށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މިނިވަން މުވައްސަސާއަކަށްވާއިރު ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ވާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލްނޫން ކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން އެކަަންޏެވެ.

އެހެން ނަމަވެސް ސިޔާސީ ސަބަބުތަކާހުރެ ފަނޑިޔާރުން ވަކިކުރުމުގެ ތާރީހެއް އޮތް އެ ކޮމިޝަން، ސިޔާސީ ބޭނުމުގައި ފަނޑިޔާރުން ވަކިކުރުމަށް ސަރުކާރުތަކުން ބޭނުންކުރާ ކަމަށް ވެސް މި ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

މިއާއެކު މި ޖަމިއްޔާ އިން ވަނީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް އަވަސް ފިޔަވަޅުތަކެއް އެޅުވުމަށް ގޮވާލާފަ އެވެ.