ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސް މުހައްމަދު މުއިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ރައީސް މުއިއްޒު އާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.
މި ބަޔާނުގައި ދެބޭފުޅުން ވެސް ވަނީ އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެއްވުމާއި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަން ހާމަކުރެއްވި އެވެ.
ރާއްޖެ-މެލޭޝިއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރި ދާއިރާތައް:
- ކުޅިވަރުގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުން.މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ހަނާން ޔިއޯހް އެވެ.
- ސިއްހީ ދާއިރާއިން އެއްބާރުލުންދިނުން. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޒުލްކެފްލީ އަހުމަދު އެވެ.
- ޓޫރިޒަމް ދާއިރާއިން އެއްބާރުލުންދިނުން. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަ ޚައިރުލް ފިރުދައުސް އެވެ.
- ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުން (ޑިޕްލޮމޭޓުން ތަމްރީންކުރުން) މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝަބީނާ އެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަ އޮފް ފޮރިން އެފެއާޒް މުހައްމަދު އަލާމިން އެވެ.
ރައީސް މުއިއްޒަށް، މެލޭޝިއާ ސަރުކާރުން ރަސްމީކޮށް މަރުޙަބާ ދެންނެވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ޕުޓްރާޖާގައި ހުންނަ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ޕެރަޑާނާ ޕުޓްރާގަ އެވެ.
ރައީސް މުއިއްޒު ބޮޑުވަޒީރު އޮފީހަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އެވެ. އެއަށްފަހު ވަނީ ރައީސް މުއިއްޒުގެ ޝަރަފްގައި ގާޑު އޮފް އޮނާއެއް އަރުވާފަ އެވެ. އަދި ރައީސް މުއިއްޒާއި، ބޮޑުވަޒީރު އަންވަރު ޑައިސަށް އަރާވަޑައިގަތުމުން ވަނީ ދެ ގައުމުގެ ސަލާމް ކުޅުނެވެ. އެއަށްފަހު ވަނީ ދެ ގައުމުގެ ވަފްދުގެ ބޭފުޅުން ތައާރަފްކޮށް އަރުވާފަ އެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒާއި، މެލޭޝިއާގެ ބޮޑު ވަޒީރު ވަނީ ހާއްސަ ފޮޓޯފުޅެއް ނަންގަވާފަ އެވެ. އޭގެފަހުން ރައީސް މުއިއްޒު ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށެވެ.
ރައީސް މުއިއްޒު ބޮޑު ވަފުދަކާއެކު މެލޭޝިއާއަށް ވަޑައިގަތީ އިއްޔެ ހަވީރު އެވެ. މިދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން ސަރުކާރުގެ ޕްރޮޕެގަންޑާ ފަތުރައިދޭ ޕީއެސްއެމް އާއި މިހާރު ނޫސް އަދި ވަގުތު ނޫހުގެ ނޫސްވެރިން މި ދަތުރުގައި ބައިވެރިކުރި އެވެ.