މާވެލް ސިނަމެޓިކް ޔުނިވާސްގެ ކުރިއަށް އޮތް ފިލްމާއެކު ބޮލީވުޑްގެ ސުޕަ ސްޓާ ހޮލީވުޑަށް މިސްރާބު ޖަހާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މާވެލްގެ އުފެއްދުމެއްގައި ޝާހްރުކް ޚާން ހިމަނަން އޭނާއާއި މާވެލް ސްޓޫޑިއޯސްގެ މެދުގައި މިހާރު އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ.
މާވެލްގެ ހަބަރުތައް ސޯޝަލް މީޑިއާގައި ފަތުރާ އެކްސް އެކައުންޓަކާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މަޝްވަރާތައް ބާރަށް ކުރިއަށް ދިޔަ ނަމަވެސް އެ އުފެއްދުމުގެ މާ ބޮޑު ތަފްސީލެއް އަދި ނޭނގޭ ކަމަށެވެ.
މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި މާވެލްއަށް ޝާހްރުކް ޚާން އާނ ބަސް ބުނެފިނަަމަ އެ ފިލްމު ވެގެންދާނީ އޭނާގެ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމަށެވެ.
މި ހަބަރުތައް ފެންމަތިވެފައި މިވަނީ މާވެލް އުފެއްދުންތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ އެންތަނީ މެކީ ދާދި ފަހުން ޝާހްރުކް ޚާންއަށް ތައުރީފްކޮށް މީޑިއާގައި ވާހަކަ ދައްކާފައި ވަނިކޮށެވެ.
މި އަޑުތަކާއެކު ޝާހްރުކް ޚާނަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ އޭނާއަށް މި ފުރުސަތު ހައްގުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އުފާ ފާޅު ކުރަމުންނެވެ.