ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން މިހާތަނަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާތައް ނުދެއްކުމުގެ ސަބަބުން ގިނަ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މުއައްޒަފުންނަށް މުސާރަ ނުދެވި، ލޯނުތައް ނުދެއްކި ކުންފުނިތައް ބަގުރޫޓުވާން ވަނީ ކައިރިވެފަ އެވެ. އަދި ގިނަ ރަށްރަށުގައި ކުރީ ސަރުކާރުން ހިންގި ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ.

މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ރިޒާވް ރަނގަޅު ރާސްތާއަކަށް ގެނެވިފައިވާ ކަމަށެވެ. ހަމައެއާއެކު ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި ދާދި ފަހުން ދައްކަން ޖެހުނު 100 މިލިއަން ޑޮލަރުގެ ލޯނެއްވެސް ހިމެނޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ލޯނު އަނބުރާ ދެއްކުމަށްޓަކައި މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ އަޅުގަނޑުމެން ވާނީ ހަރަދުކޮށްފައި. މިއީ ކުރިން ނަގާފައި ހުރި ލޯނުތައް ދެއްކުމަށްޓަކައި. މީގެ ތެރެއިން 100 މިލިއަން ޑޮލަރު ދައްކަން ޖެހުނު ލޯނެއްވެސް ދިޔަ މިދޭތެރެއިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ ފިސްކަލް ހާލަތަށް އަލިއަޅުވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ދައުލަތަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ދައުލަތުން މިހާތަނަށް 10.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މިއާއެކު އޯވަރޯލް ބަޖެޓް ސާޕްލަސް އަކީ 1.9 ބިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕްރައިމަރީ ބެލެންސަކީ 3.5 ބިލިއަން ރުފިޔާގެ ސާޕްލަސް އެއް ކަމަށެވެ.

މިއީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ދާއިރާއެއް ކަމަށާއި ކޮންމެ މަހަކުވެސް ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑުއެއް އެބަ އޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.