ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފި އެވެ.
ޝައިހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއެކު ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ކުރިނބާ މޯލްޑިވްސްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީ ބައިވެރިވެވަޑައިގަތެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ސެންޓަރު ގާއިމްކުރަނީ ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ. އެ ސެންޓަރުގެ މަސައްކަތް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.
އެ ސެންޓަރު ގާއިމްކުރަން ނިންމާފައިވަނީ 6،500އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެންނެވެ.
އެ މަޝްރޫއު ހިންގާނެ ތަނަކާއި ހަރަދުތަކުގެ ތަފްސީލް އަދި ހާމައެއްނުކުރެ އެވެ.
މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ތަންތަން
- 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް: އެ ސެންޓަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ އެވެ.
- ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު
- މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
- ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
- މަތީ ފަންތީގެ ފިހާރަތައް
- އޯޝަނޮގްރަފިކް މިއުޒިއަމެއް
- ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
- ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
- މިސްކިތެއް އިންޓަނޭޝަނަލް ސްކޫލެއް
އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހެއެވެ. އެ ތަނުގައި އަހަރުގެ ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެއެވެ.
ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެމްއައިއެފްސީން ބުންޏެވެ.
އެމްއައިއެފްސީން ބުނީ މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.