ކަޝްމީރުގެ ޕަހަލްގަމް އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ ދޭން ފެށި ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާކަމަށް ތުހުމަތުކޮށްފި އެވެ.

ދެގައުމުގެ އަސްކަރިއްޔާގެ މެދުގައި ބަދަލު ކުރަން ފެށި ހަމަލާތައް ހުއްޓާލާނެކަން އިއުލާނުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

އޭގެ މަދު ގަޑިއިރުތަކެއް ފަހުން އިންޑިއާގެ ފޮރިން ސެކެޓްރީ ވިކްރާމް މިސްރީ ވަނީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޕާކިސްތާނުން އެތައް ފަހަރަކު ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވަމުން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން އެއްބަސްވުމާ ހިލާފުވެފައިނުވާނެ ކަމަށާއި ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި އިންޑިއާއިން ހިންގަމުންދާ އުދުވާންތަކަށް ޖަވާބުދާރީވާނެ ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް ދެގައުމުން އެއްބަސްވިނަމަވެސް އަދިވެސް އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު އޮތީ ހޫނު ކޮށެވެ. މިގޮތުން އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ޕަހަލްގަމް އަށް ދިން ހަމަލާއާއި ގުޅިގެން އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް އެޅި ފިޔަވަޅުތައް އުވާނުލާނެ ކަމަށް އިންޑިއާއިން ވަނީ ހާމަކޮށްފަ އެވެ.

އޭގެ ތެރޭގައި ވިސާ ދޫކުރުން ހުއްޓުލުމާ، ޕާކިސްތާނުން ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް މުދާ އެތެރެކުރުން މަނާކުރުމާ، ޕާކިސްތާނުގެ އުފެއްދުންތައް އިންޑިއާގައި ދެއްކުން މަނާކުރުމާ ބައެއް އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލުން ހިމެނެ އެވެ.