މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 127 ރިޕޯޓެއް ކޮށްފައިވާއިރު، މިއަހަރުގެ މާޗު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ 73 ފަހަރު އެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޑެންގީހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ރ، ކ، އއ، މ އަދި ދ އަތޮޅުންނެވެ.

އެހެން ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މަދުވުމެއްކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު ޑެންގީހުން ޖެހިގެން 256 ރިޕޯޓެއް އައިސްފައިވެ އެވެ.

ޑެންގީހުން ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ މިފަދަ މަދިރިން ޖެހޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ސަމާޅުކަން ދިނުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.

މިގޮތުން ޑެންގީ އިން ރައްކާތެރިވުމަށް:

1. މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޭސްކިޓޯ ރިޕެލެންޓް ބޭނުން ކުރުން

2. ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން

3. ފެން ހަރުލާ ތަކެތި ގޯއްޗާއި މަގުމައްޗަށް އުކާނުލުން އަދި ފެންހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން

ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ:

1. އަރާމު ކުރުން

2. ގިނަ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން

3. ހުން މަޑުކުރުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސިޓަމޯލް ބޭނުންކުރެވިދާނެ އެވެ.

ތިން ދުވަހަށްވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ ދިޔާ އެއްޗެހި ބޭނުން ނުކުރެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

ޑެންގީހުުމުގެ އިތުރުން މިިދިޔަ މަހު އިންފްލުއެންޒާ އަށް ޕޮސިޓިވްވި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

މިގޮތުން 25 މީހަކު އިންފްލުއެންޒާ އަށް ޕޮސިޓިވްވެފައިވި ނަމަވެސް މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.