އެސްޓީއޯ އާއި އެމްޕީއެލް މެދުވެރިކޮށް އިހަވަންދިއްޕޮޅުގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން މިދިޔަ ފެބުރުއަރީ މަހުގެ ނިއަލަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހާރު މިހެން ވިދާޅުވިއިރު ބަންކަރިން ހިދުމަތް މިދިޔަ އަހަރު ފެށުމަށް ފަހު އޭނާ ވިދާޅުވީ ފުރަތަމަ އަހަރު އެ ހިދުމަތުން އާމްދަނީގެ ގޮތުގައި 400 މިލިއަން ޑޮލަރު ގައުމަށް ވަންނާނެ ކަމަށެވެ. ނަމަވެސް އެ އަދަދާ މިހާރު މިނިސްޓަރު ވިދާޅުވާ އަދަދާ ކައިރިވެސް ނުުކުރެ އެވެ.
ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން އަބަދުވެސް ސަރުކާރުގެ އެކި މަސައްކަތްތަކާ މެދު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ބަންކަރިންކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ފަސް މަސް ދުވަހުގެ ތެރޭގައި ބަންކަރިން އިން ބޮޑު އާމްދަނީއެއް ހޯދާ އެކަން ކާމިޔާބު ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ފަސް މަހާއި ދުވަސްކޮޅެއް މިވީ. އެހެންވީމަ ކުޑައެއް ނޫންތޯ ލިބުނު ވަރު،" ތުރާކުނަށް އުފަން ސައީދު ވިދާޅުވި އެވެ. "ކުޑައެއް ނޫނޭ މިދެންނެވީ ވީއެލްއެސްއެފްއޯ، ނުވަތަ ލޯ ސަލްފަ އޮއިލް ދިވެހިރާއްޖެއަށް މުޅިން އަލަށް؛ މީގެ ކުރިން ދުވަހަކު ވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މިދެންނެވި 7.4 މިލިއަން ޑޮލަރުގެ %95 އަކީ ވީއެލްއެސްއެފްއޯ ބަންކާ ކޮށްގެން ހޯދި ފައިސާ."
އޭނާ ވިދާޅުވީ ބަންކަރިންގެ ޓްރެފިކް މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ސައީދު ވަނީ ރައީސް މުހައްމަދު މުއިއްޒު މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް ބަލާއިރު މިވީ މަދު ދުވަސްކޮޅު ތެރޭގައި މީގެ ކުރިން އެއްވެސް ވެެރިއަކަށް ނުކުރެވޭ ވަރަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ސަނާ ވިދާޅުވި އެވެ.
މިނިސްޓަރު ސައީދަކީ އޭނާ އޭރަކު ހުންނަވާ ސަރުކާރެއްގެ ރައީސަކަށް އާދަޔާ ހިލާފަށް ސަނާ ވިދާޅުވާ ބޭފުޅެކެވެ. މިގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނަކީ "ފިނިފެންމަލެއް" ފަދަ ބޭފުޅެއް ކަމަށް ސިފަކޮށް އިންތިހާއަށް ތައުރީފުކޮށް ހެއްދެވި އެވެ. އަދި އޭގެ ފަހުން ސައީދުއަށް ގިނަ ބަޔަކު "ފިނިފެންމާ ސައީދު" އޭ ކިޔަ އެވެ.