ފަލަސްތީނުގެ ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ ކޮންޓްރޯލް ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިޒްރޭލުންނާއި އެ މީހުންނަށް ވާގިވެރިވާ އެމެރިކާއިން ނަގަން އުޅޭތީ އދ. އިން ފާޑުކިޔައިފި އެވެ.
މީގެ ކުރިން ޣައްޒާއަށް އެތެރެކުރާ އެހީގެ މަސައްކަތްތައް އދ. ފަދަ ޖަމިއްޔާތަކުން ކުރަމުން އައި ނަމަވެސް އިޒްރޭލުން ޣައްޒާގައި އުދުވާން ފުޅާކުރުމަށްފަހު ޔަހޫދީންގެ އަމިއްލަ ކުންފުނިތަކުން ޣައްޒާއަށް އެހީ ފޯރުކޮށްދޭން ވަނީ ހުށަހަޅާފަ އެވެ.
އދ. ގެ އެހީގެ ވެރިޔާ ޓޮމް ފްލެޗާ ވިދާޅުވީ އެމެރިކާގެ އެހީ އާއެކު އިޒްރޭލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ނިޒާމަށް އަތްގަދަކުރަން މަސައްކަތް ކުރުމަކީ މިހާރު ވެސް ޣައްޒާގައި ޔަހޫދީން ހުއްޓުމެއް ނެތި ހިންގަމުން އަންނަ ގަތުލުއާއްމަށް ހުޅުވޭ ދޮރެއް ކަމަށެވެ.
މިއީ ޣައްޒާގައި ހިންގާ އަނިޔާވެރިކަމުން ދުނިޔޭގެ ކަޅި ވަކިކުރުމަށް ކުރާ ކަމެއް ކަމަށް ވެސް ފްލެޗާ ވިދާޅުވި އެވެ.
މާޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެއްވެސް އިންސާނީ އެހީއެއް އެތެރެކުރެވިފައިނުވާއިރު މިކަމާ ގުޅިގެން ޣައްޒާގެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ދަނީ ބަނޑުހައި ހޫނުކަމުގެ ވޭން ތަހައްމަލު ކުރަމުންނެވެ. މިއީ އެ ސަރަހައްދުގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި މީހުންނެވެ.
ޣައްޒާއަށް އެހީ ވެއްދުމަށް ހުއްދަ ދޭން އދ. އިން ކެނޑިނޭޅި ގޮވާލަމުން އަންނައިރު އިޒްރޭލުން ވަނީ ޣައްޒާއަށް އެތެރެކުރާ އެހީ ހަމާސުން އަތުލާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ހަމާސުން ހައްޔަރުކުރި ޔަހޫދީން މިނިވަން ކުރަންދެން ޣައްޒާއަށް އެހީ ނުވެއްދޭނެ ކަމަށް ވެސް އެމީހުން ވަނީ ބުނެފަ އެވެ.