ރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި ބިލު ތަސްދީގުކުރުމަށްޓަކައި ރައީސް އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.
މި ބިލާ ބެހޭގޮތުން ރައީސް އޮފީހުން ބުނީ، މި ބިލާއެކު ކުޅިވަރު ކުރިއެރުވުމާއި ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިހުތިޔާރުތަކަކާއި ފުރުސަތުތަކެއް ލިބޭނެ ކަމަށާއި ކޮންމެ ކުޅިވަރެއްގެ ވެސް ސަރަހައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ގާނޫނުގެ ދަށުން އުފެއްދުމަށް ކަނޑައެޅޭނެ ކަމަށާއި ކޮންމެ ކުޅިވަރެއްގެ ވެސް ސަރަހައްދީ މުބާރާތްތައް ބާއްވަން ފެށޭނެ ކަމަށެވެ.
މިއާއެކު ކުޅިވަރުގެ ވަކި ފަންޑެއް ގާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރަން ފެށޭނެ ކަމަށާއި ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ގާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ހަމަޖެއްސުމާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން، ހިނގާ ހާއްސަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފެއްދޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
މި އިސްލާހުގެ ދަށުން ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" ވަކި މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފަށައި، މިއީ ކުޅުންތެރީންގެ ހައްގުތައް ރައްކާތެރިކޮށް ދީ އިންސާފު ލިބޭނެ ގާނޫނީ ހައިސިއްޔަތު، ދިނުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާ ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ގާއިމުކޮށް އަމަލުކުރަން ފެށުމަށް ކަނޑައެޅޭނެ އެވެ.
މި ބިލަކީ، 5 މެއި ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު އަށް 1 ވަނަ އިސްލާހު މިހާރު ދިވެހިސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވައިފަ އެވެ. އަދި މި އިސްލާޙަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ