ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގޮވާލައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ގާނޫނާ ހިލާފަށް މަގާމުން ވަކިކުރިކުރުން ކުށްވެރިކޮށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަން ޝަރުއީ ނިޒާމެއް ދަމަހައްޓައި ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ފަނޑިޔާރުންގެ މައްޗަށް ތަހުގީގުތައް ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ދަނީ ފާޅުކުރަމުން. މިކަން ހިނގާފައި މިވަނީ ސިޔާސީ ޕާޓީތައް ބަދަލުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން ހިމެނޭހެން ކަމަށެވެ.

އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑިގެއްލޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ނިންމާފައިވަނިކޮށް މި ދެބޭފުޅުން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގަ އެވެ. އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ބަދަލުވެފަ އެވެ.

ޖޭއެސްސީގެ ނިންމުން މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ މި ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ޖެހޭކަމަށް ނިންމާފަ އެވެ. ކޮމިޓީން މިފަދައިން ނިންމިއިރު، ކޮމިޓީގައި ވާހަކަދެއްކުމުގެ ފުރުސަތަށް ފަނޑިޔާރުން އެދިވަޑައިގަތުމުން އެ ފުރުސަތުވެސް ދީފައެއް ނުވެ އެވެ.

ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީއިން އަމަލު ކޮށްފައި ވަނީ ގާނޫނު ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ' ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާވެސް ވަނީ ވިދާޅުވެފަ އެވެ.

މި ދެ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދުގެ މައްސަލަ ވެސް ބެލުމަށް ޖުޑީޝަލް ކޮމިޝަނުން ނިންމި ނަމަވެސް މައްސަލަ ބަލަން ފެށުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.

މަޖިލީހުން މަހާޒާއި އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކޮށްފައި މިވަނީ ފަނޑިޔާރުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށާއި ނަޒާހަތްތެރިކަމާ އެކު މައްސަލަ ބެލުމަށް ރާއްޖޭގެ އިދާރާތަކުންނާއި ބޭރުގެ އެކިއެކި މުއައްސަސާތަކާއި ޖަމިއްޔާތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.