ވޮޝިންޓަން (25 މޭ) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެޕަލް އިން ބޮޑު ޓެރިފެއް ނަގާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފި އެވެ.

މިގޮތުން އީޔޫއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތައިގެ ޓެރިފް ނެގުމަށް ނިންމާފައިވާއިރު ޓްރަމްޕް ބުނީ އެޕަލް ގެ ސްމާޓްފޯނުތައް އެމެރިކާގައި ނުއުފައްދާނަމަ އެ ކުންފުނިން 25 އިންސައްތައިގެ ޓެރިފް ނަގާނެ ކަމަށެވެ.

އީޔޫ އިން ބޮޑު ޓެރިފެއް ނަގަން ޓްރަމްޕް ނިންމީ އީޔޫ އާއި އެމެރިކާއާ ދެމެދު ކުރަމުންދާ ވިޔަފާރިއާ ގުޅޭ މަޝްވަރާތަކުގައި އެދެވޭ ކުރިއެރުންތަކެއް ލިބެން ނުދާ ކަމަށް އެމެރިކާގެ ސަރުކާރުން ދެކޭތީއެވެ.

މިއާއެކު ދުނިޔޭގެ މާލީ ބާޒާރުތަކަށް ވަނީ އަނެއްކާ ވެސް ލޮޅުމެއް އައިސްފައިވާއިރު މިއީ އޭޕްރިލް މަހު ފެއްޓެވި ވިޔަފާރީގެ ހަނގުރާމައަށް އަނބުރާ ރުޖޫއަވުން ކަމަށް ބެލެވޭ ފަދަ އަމަލެކެވެ.

އީޔޫގެ އިތުރުން އެޕަލް އަށް ވެސް ޓެރިފް ގެ އިންޒާރު ޓްރަމްޕް ދީފައިވަނީ އެ ކުންފުނީގެ އުފެއްދުންތައް ސީދާ އެމެރިކާގައި އުފެއްދުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އެހެންނަމަވެސް ފުޅާ ދާއިރާއެއްގައި ސްމާޓް ފޯނު އުފެއްދޭނެ ފަދަ ކާރުހާނާތައް އެމެރިކާގައި ނުހުންނާތީ އެމެރިކާއަށް އެ މަސައްކަތް ބަދަލު ކޮށްފި ނަމަ ފޯނު އުފެއްދުމަށް ހިނގާ ހަރަދު ބޮޑުވެ ފޯނު ވިއްކާ އަގު އިންތިހާއަށް އުފުލިގެންދާނެ އެވެ.

މީގެ ކުރިން ޗައިނާ އާއި އެކު ހިނގާދިޔަ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ އެމެރިކާގައި ވިއްކާ ގިނަ ސްމާޓްފޯނުތައް އުފައްދަނީ އިންޑިއާއިންކަން ހާމަކުރައްވާފަ އެވެ. އަދި އައިޕެޑްތައް އުފައްދަނީ ވިއެޓްނާމުން ކަމަށް ވެސް ކުކް ވަނީ ބުނެފަ އެވެ.

ތަޖުރިބާކާރުން ހާމަކުރައްވާ ގޮތުގައި މިހާރު އެމެރިކާގައި 1،200 އަށް ވިއްކާ އެޕަލް ގެ ސްމާޓްފޯނުތައް ޓްރަމްޕް ގެ މި އިންޒާރާ އެއްގޮތަށް އަމަލުކޮށްފި ނަމަ 3،500 އަށް އުފުލިގެންދާނެ އެވެ.