ރައީސް އަބްދުﷲ ޔާމީނަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް، ހައިކޯޓުގައި އޮތް އިސްތިއުނާފުގެ މައްސަލަ ގަސްދުގައި ލަސްކުރި ފަނޑިޔާރު މުހައްމަދު ސަލީމަށް މި ސަރުކާރުން ޕްރޮމޯޝަން ދީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު ނަން ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތު ވެސް ހަމަނުވާ ސަލީމްގެ ނަމާއެކު ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ އަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް ރައީސް ހުށަހެޅުއްވި އެވެ. އަދި އެ ދެ މީހުންގެ ނަން ދިރާސާކުރަން މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. އަދި އެ ދެމީހުންގެ ތެރެއިން ސަލީމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަރުތު ހަމަނުވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓަށް ނަންތައް ހުށަހަޅުއްވާފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިބި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ގާނޫނާއި އުސޫލްތަކާ ހިލާފަށް ސަރުކާރުން އަންގައިގެން މަގާމުން ވަކިކުރުމުން އެ ދެ މަގާމު ހުސްވެފައިވާތީ އެވެ.
ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުން ޑރ. އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކުރީ މިދިޔަ މަހުގެ 14ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ސަރުކާރަށް ނިސްބަތްވާ 68 މެންބަރުންގެ ވޯޓު ދީފައިވެ އެވެ.
ޑރ. އަޒްމިރާލްދާ އާއި މަހާޒް މަގާމުން ވަކިކުރެއްވުމާ ގުޅިގެން ޖޭއެސްސީން މިދިޔަ މަހުގެ 17ގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރު ފުރިފައިވާ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުރި ފަރާތަކަށެވެ. ނަމަވެސް ސަލީމަކީ ވަކީލުކަން ކުރަން ފެށިތާ 7 އަހަރުވެފައިވާ މީހެއް ނޫން ކަން ޖޭއެސްސީން ވެސް ފާހަގަކުރެ އެވެ.
ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވާފަ އެވެ. މި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދުގެ ނަމެވެ.
އެ ދެމީހުންގެ ނަން މަޖިލީހަށް ފޮނުވީ ވަނީ ޖޭއެސްސީން ލަފާާ ދެއްވުމާ ގުޅިގެންނެވެ. މި މައްސަލަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީ، ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ.
ފަނޑިޔާރު ސަލީމް ވަނީ ރައީސް ޔާމީންގެ މައްސަލަ 2023 ވަނަ އަހަރު ހައިކޯޓުގައި ކުރިޔަށް ގެންދަނިކޮށް ޕީއެންސީގެ އިސްވެރިން އަންގައިގެން ކުއްލި ޗުއްޓީއެއް ނަގައި ތައިލެންޑަށް ފުރައިގެން ގޮސްފަ އެވެ. ސަލީމްގެ ޗުއްޓީ ދޮޅު މަހަަށް ވުރެ ދިގުލައިގެން ދިއުމުން ރައީސް ޔާމީންގެ މައްސަލަ ހައި ކޯޓުގައި ކުރިޔަށް ނުގެންދެވި އެންމެ ފަހުން ސުޕްރީމް ކޯޓުން ކެންޑިޑެސީ ބާތިލުކުރުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ އެވެ.
ހުރި ނުބައި ނުލަފާކަން ބަލާބަލަ. މިވަރުގެ މީހުން މިލަނީ އެންމެ ފަހު ބަސް ބުނާ ކޯޓުގެ ފަނޑިޔާރު ކަމަށް.
ރިޕްލައި