ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް ޖޭއެސްސީ އިން ވެސް ނިންމާފައިވާތީ ޖުޑީޝަރީ ކޮމިޓީން މިއަދު ރުހުން ދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތު ވެސް ހަމަނުވާ ސަލީމްގެ ނަމާއެކު ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ ހަމީދު ނަން މަޖިލީހަށް ފޮނުވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެ ދެ މީހުންގެ ތެރެއިން ސަލީމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަރުތު ހަމަނުވާ ބޭފުޅެކެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ދުވަހު އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ފާސްކުރީ އެ ނަންތައް ދިރާސާކުރުމަށް މެންބަރުންނަށް އިތުރު ވަގުތު ދިނުމަށެވެ.
ރައީސް ސުޕްރީމް ކޯޓަށް ނަންތައް ހުށަހަޅުއްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ދެ މަގާމެއް ހުސްވެފައިވާތީ އެވެ.
ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓަށް ނަންތައް ހުށަހަޅުއްވާފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިބި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ގާނޫނާއި އުސޫލްތަކާ ހިލާފަށް ސަރުކާރުން އަންގައިގެން މަގާމުން ވަކިކުރުމުން އެ ދެ މަގާމު ހުސްވެފައިވާތީ އެވެ.
ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުން ޑރ. އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކުރީ މިދިޔަ މަހުގެ 14ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ސަރުކާރަށް ނިސްބަތްވާ 68 މެންބަރުންގެ ވޯޓު ދީފައިވެ އެވެ.
ޑރ. އަޒްމިރާލްދާ އާއި މަހާޒް މަގާމުން ވަކިކުރެއްވުމާ ގުޅިގެން ޖޭއެސްސީން މިދިޔަ މަހުގެ 17ގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރު ފުރިފައިވާ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުރި ފަރާތަކަށެވެ. ނަމަވެސް ސަލީމަކީ ވަކީލުކަން ކުރަން ފެށިތާ ހަތް އަހަރު ވެފައިވާ މީހެއް ނޫން ކަން ޖޭއެސްސީން ވެސް ފާހަގަކުރެ އެވެ.
ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވާފަ އެވެ. މި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދުގެ ނަމެވެ.
އެ ދެމީހުންގެ ނަން މަޖިލީހަށް ފޮނުވީ ވަނީ ޖޭއެސްސީން ލަފާާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް މުއިއްޒު ފަނޑިޔާރު ކަމަށް ސަލީމާއި ހަމީދުގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ ޖޭއެސްސީން ލަފާާ ދެއްވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް އެ ދެބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ ޖޭއެސްސީން ނަންތައް ދިރާސާކުރުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމާއި ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ނިންމަވާފައި ވާތީ އެވެ.
އެ ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ ޖަލްސާގައަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓަށް ބޭފުޅުން އައްޔަން ކުރައްވާނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ މެންބަރުން ނަގާ ވޯޓަކުން ފާސްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެވެ.