އިންޑިއާގެ ކެރެލާ ސަރަހައްދުން ކަނޑުމަގުން ދަތުރުކުރަމުން ދިޔަ ސިންގަޕޫރުގެ ކާގޯ ބޯޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފަސޭހައިން އަލިފާން ހިފާ އަދި ނުރައްކާތެރި ތަކެތި އެކުލެވޭ ކޮންޓެއިނަރު ތަކެއް ހިފައިގެން ދަތުރުކުރަމުން ދިޔަ އެމްވީ ވަން ހައި 503 ނަމަކަށް ކިޔާ މި ބޯޓުގައި އަލިފާން ރޯވެފައިވަނީ ކޮލޮމްބޯ އިން މުމްބާއިން ދަތުުރުކުރަމުން ދިޔަ މަގުމަތީގައި ކެރެލާގެ އައްސޭރިއާއި 78 ނޯޓިކަލް މޭލު ބޭރުންނެވެ.
އިންޑިއާގެ ޑިފެންސުން ބުނީ މި ހާދިސާގައި 4 ފަޅުވެރިއަކު ގެއްލިފައިވާކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.މިގޮތުން މި މަސައްކަތުގައި 7 ނޭވީ އުޅަނދާއި 5 ޑޯނިއާ އެއާކްރާފްޓް ބޭނުންކުރަމުން އަންނަ ކަމަށް އިންޑިއާއިން މައުލޫމާތުދެ އެވެ.
ހާލަތު އަދިވެސް ނާޒުކު ކަމަށާއި ބޯޓުގައި ހުރި ބައެއް ކޮންޓެއިނަރުތައް މޫދަށް އެޅުމުގެ ސަބަބުން އިތުރު ނުރައްކާތައް ކުރިމަތިވެދާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.
އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް ދުމުގެ އަސަރުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެދާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުން އަންނައިރު، މި ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ މަސްވެރިން ސަމާލުވުމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެދިފަ އެވެ.